މާދަމާ އިން ފެށިގެން ހަފުތާއަކަށް ސަރުކާރުން ބަންދު ކުރަން ނިންމާފައިވާތީ އެ މުއްދަތުގެ ތެރޭގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ބޭންކްތައް ތިން ދުވަހަށް ހުޅުވަން ނިންމައިފި އެވެ.
ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނުމާއި ގުޅިގެން، އެ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރަން ނިންމުމާއިގުޅިގެން އެމްއެމްއޭ އިން ނެރުނު އިއުލާނެއްގައި ބުނީ މާދަމާގެ އިތުރުން މިމަހުގެ 23ގައި ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެދުވަސްތަކުގައި (ބޭންކިންގެ ހިދުމަތް) ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތް ހެނދުނު 09:30 އިން 11:30 އަށް ދޭން ނިންމާފައިވާއިރު ވަކިލާރި ބަލައިގަނެ، ދޫކުރުމުގެ ހިދުމަތްތައް ދޭނީ ހެނދުނު 9:30 އިން 11:00 އަށް އެމްއެމްއޭއިން ބުންޏެވެ.
މީގެ އިތުރުން ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމުން އެމްއެމްއޭ އަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށެވެ. އަދި އެމްއެމްއޭ އަށް ލިޔެކިޔުންތައް ފޮނުވުމަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ. ލިޔެކިޔުންތައް ފޮނުވުމަށް ހާއްސަކޮށްފައިވާ މެއިލް އަކީ [email protected] އެވެ.