ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ޗެންނާއީ އާއި ކޮޗިންއަށް ކުރާ ދަތުރުތައް މެދުކަނޑާލައި އެކުންފުނީގެ ޓިކެޓް އޮފީސް ބަންދު ކުރުމަށް ނިންމައިފިއެވެ.
މޯލްޑިވިއަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައިނަލްއަގުވާމީ ދަތުރުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވިއަން އިން އިންޑިއާގެ ޓްރެވިންޑްރަމަށް ކުރާ ދަތުރުތައް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ބާއްވަން ނިންމައި ކޮޗިން އާއި ޗެންނާއީގެ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޗެންނާއީ އާއި ބަންގްލަދޭޝްގެ ޑާކާއަށް ކުރާ ދަތުރުތައް ކުރާ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވާ ހުކުރު ދުވަސް ކަމަށާއި ކޮޗިންއަށް ކުރާ އެންމެ ފަހުގެ ދަތުރުތައް މިމަހުގެ 19، 21 އަދި 23 ގައި ކުރާނެ ކަމަށެވެ.
މޯލްޑިވިއަން އިން ވަނީ މާދަމާ އިން ފެށިގެން އެ ކުންފުނީގެ ޓިކެޓިން އޮފީސް ވެސް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ. އަދި ވަގުތުން ރިފަންޑު ދޫކުރުންވެސް މި ދުވަސްކޮޅު ހުއްޓާލާފައިވާ ކަމަށާއި އެ ކުންފުނިން ދޭ ހިދުމަތްތައް އޮންލައިންކޮށް ހޯދޭނެކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
އެގޮތުން އަންނަ އާދިއްތަ އިން ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 15:00 އަށް ކޯލް ސެންޓަރު އަދި ވައިބާގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ބަންދު ކުރަން ނިންމާފައިވާ ކަމަށް ވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.