ރައީސް އޮފީސް

ސަރުކާރު މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސް އޮފީހުން އަންގައިފި

ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، މި ގޮތަށް ނިންމީ، ސަރުކާރު ބަންދުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިން ތަންފީޒުކުރުމަށް ޓަކައި ކަމަށެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވީނަމަވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ތިރީގައި އެވާ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށް ވެސް މި ދެންނެވުމުން ދައުލަތުގެ މުއައްސަސާތަކަށް އަންގާފައި ވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

(ހ) ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ހިދުމަތްތައް؛

(ށ) ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތް؛

(ނ) ބްރޯޑްކާސްޓިންގެ ހިދުމަތް؛

(ރ) ފޯނާއި އިންޓަނެޓްގެ ހިދުމަތް؛

(ބ) ބޭންކުތަކުން ދޭ ހިދުމަތް؛

(ޅ) ކައްކާ ގޭހާއި ފިޔުލްގެ ހިދުމަތް؛

(ކ) ވައިގެ ދަތުރުފަތުރުގެ ހިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ހިދުމަތް؛

(އ) ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ހިދުމަތް؛

(ވ) ސިފައިންނާއި ފުލުހުންގެ ހިދުމަތް؛

(މ) ފަޔަރ އެންޑް ރެސްކިއުގެ ހިދުމަތް؛

(ފ) އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް؛

(ދ) ހާރިޖީ ގުޅުންތަކާބެހޭ ހިދުމަތް؛

(ތ) އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް؛

(ލ) ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ހިދުމަތް؛

(ގ) ޖަލުތަކުގެ ހިދުމަތް؛

(ޏ) ރަށް ކުނިކަހައި ބެލެހެއްޓުމުގެ ހިދުމަތާއި، ކުނި ނަގައި އުކާލުމުގެ ހިދުމަތް؛

(ސ) މޫސުމާބެހޭ ހިދުމަތް.

މި ހިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް ނެރުއްވާ މުވައްޒަފުންނާއި، ގާނޫނު ނަންބަރު 2012/7 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން 2020 މާރިޗު 12 ވަނަ ދުވަހު އިއުލާނުކުރައްވާފައިވާ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު"ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުއްވުމަށްވެސް އަންގާފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރު ބަންދުކުރާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އަންގާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އިދާރާތަކުން ކުރަން ޖެހޭ އެންމެހައި ކަންކަން ކުރަމުން ގެންދިއުމަށްވެސް ދައުލަތުގެ މުއައްސަސާތަކަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން އަންގާފައިވާ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.