ޚަބަރު

ކޮފީއަށް ނުދާށޭ ވިދާޅުވުމަށް ފަހު މަބްރޫކް އޭނާގެ ކޮފީ ޝޮޕް ބަންދުކުރައްވައިފި

އަލީ ޔާމިން

ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒުގެ ކެފޭ، "މެރާކީ ކޮފީ ރޯސްޓް" ބަންދުކޮށްފިއެވެ.

މެރާކީން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ކެފޭ ވަގުތީގޮތުން ބަންދުކުރިކަން އިއުލާންކޮށްފައެވެ.

މެރާކީން ބުނީ ކޮވިޑް 19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭ 9:00 އިން ފެށިގެން އެ ކެފޭ ބަންދުވާނެ ކަމަށާއި ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަދި ކޮވިޑް 19 އިން ރައްކާތެރިވުމަށް އެކަކު އަނެކަކަށް އެހީތެރިކަމާއި އެއްބާރުލުންދީ އެމީހެއްގެ ޒިންމާ އަދާކުރުމަށް ވެސް މެރާކީން ވަނީ އެދިފައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުން ލިބޭ ދުވަސްތަކުގައި ތިބެންވީ ގޭގައި ކަމަށާއި އެއީ ކޮފީތަކަށް ދާން ލިބޭ ފުރުސަތެއްގެ ގޮތުގައި ނުދެކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މިއީ މޫދަށް ދާކަށް، ކޮފީ ޓޭބަލްއަށް އަރާކަށް ބަންދުކުރާ ދުވަސްތަކެއް ނޫން. މި ދުވަސްތަކަކީ ގޭގައި ތިބޭ ދުވަސްތަކެއް،" ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މަބްރޫކް ވިދާޅުވިއެވެ.

މެރާކީ ކޮފީ ރޯސްޓަ އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކެފޭއެކެވެ. އެއީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ކޮމާޝަލް ކޮފީ ރޯސްޓަވެސް މެ އެވެ.