ކޮވިޑް 19އަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްވި ތިން ދިވެއްސަކު އެކަހެރިކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ އެ ތިން މީހުންގެ ފަރާތުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު އެމީހުން ތިބީ ގޭގައި އެކަހެރިކޮށްފައި ކަމަށެވެ.
"ކޮވިޑް 19އަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްވި ތިން ދިވެހިންގެ ފަރާތުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިއަށްއެބަދޭ. އެމީހުން މިހާރު ތިބީ ހޯމް އައިސޮލޭޝަންގައި،" އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.
ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން މިހާރު ވެސް ބަޔަކު ހޯމް އައިސޮލޭޝަންގައި އެބަތިއްބެވެ. މާލެ އާއި އިތުރު ފަސް ރަށަކުން ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން ބައެއް މީހުން ގޭގައި އެކަހެރިކޮށްފައިވާ ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެއެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.