ޚަބަރު

ފުރަވެރި ރިސޯޓާއި ރިއު ހޮޓެލްސް އެންޑް ރިސޯޓުން ކޮވިޑް 19އަށް ޝައްކުކުރެވޭ ބަޔަކު ފެނިގެން ޓެސްޓުކުރަނީ

ފުރަވެރި އައިލެންޑް ރިސޯޓާއި ރިއު ހޮޓެލްސް އެންޑް ރިސޯޓް މޯލްޑިވްސް އިން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބަޔަކު ފެނިގެން ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފުރަވެރި ރިސޯޓުން ކޮވިޑް 19އަށް ޝައްކުކުރެވޭ ދެ ބިދޭސީއެއް ފެނިފައިވާ އިރު، ރިއު ހޮޓެލްސް އެންޑް ރިސޯޓުން ބައްޔަށް ޝައްކުކުރެވޭ އެއް ބިދޭސީއަކު ވަނީ ފެނިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ފުރަވެރި ރިސޯޓުން ކޮވިޑް 19އަށް ޝައްކުކުރެވޭ ދެ ބިދޭސީންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެމީހުން މިހާރު ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ. އަދި މިހާރު އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ރިއު ހޮޓެލްސް އެންޑް ރިސޯޓުން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއެއް ފެނިގެން އޭނާގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.