ޚަބަރު

އިންތިހާބު ފަސްކުރުމަށް ކޯޓަށް ނުދިއުމަށް އަންގައި، މަޖިލީހުން ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން ދީފި

އަލީ ޔާމިން

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ނުދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގައި، މަޖިލީހުން އެކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިރޭ ބޭއްވި ބައްލަވުމުގައި އެކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އިންތިހާބު ފަސްކުރުމަށް ކޮމިޓީގެ ތެރެއިން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"ކޮމިޓީގެ އެއް ބޭފުޅަކު ފިޔަވައި އެހެން ހުރިހާ ބޭފުޅުންގެ ވިސްނުންވެސް އެހުރީ ސްޕްރީމް ކޯޓަށް ދިޔުމަކީ މިކަމުގެ ހައްލެއް ނޫން ކަމަށް. އެހެންކަމުން އަޅުގަނޑުމެން ކޮމިޓީގެ އޮފިޝަލް ނިންމުމަކީ މިކަމުގައި ހައްލު ހޯދަން ކޯޓަށް ވަޑައިނުގަތުން. އަޅުގަނޑުމެން ކޮމިޓީގެ ފަރާތުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ގެނެވުމުގެ މަސައްކަތާ ތިބޭފުޅުންނަށް މިކަމުގެ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ރޮޒެއިނާ ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކައުންސިލް އިންތިހާބު ފަސްކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅީ މީގެ ކުރިންވެސް އެކަން ކުރަމުން އައީ އެގޮތަށް ކަމަށް ވުމުން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓްގައި ހިމެނޭ ކަމެއް އެހެން ބަޔަކާ ހަވާލު ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އޭޕްރީލް 18 އަކީ އިންތިހާބު ބޭއްވޭނެ ތާރީހެއް ނޫން ކަމަށެވެ. އެއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮފިޝަލުން ތަމްރީން ނުކުރެވުމާއި ރީރަޖިސްޓްރޭޝަންގެ މަސައްކަތްވެސް ނުކުރެވޭނެތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ހުށަހެޅުމަކީ އިންތިހާބުގެ ވޯޓުލުން ލަސް ކުރާނަމަ ރާއްޖެ އާންމު ހާލަތަކަށް އައިސްފައިވާކަން ރަސްމީ އިދާރާއަކުން އިއުލާން ކުރާ ތާރީހުން ފެށިގެން އިންތިހާބު ތާވަލު ކުރާ ދުވަހުން ފެށިގެން އިންތިހާބާ ދެމެދު 30 ދުވަހުގެ މުއްދަތެއް ދިނުމަށް ކަމަށެވެ. ނަމަވެސް ގާނޫނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް އަންނާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަސްކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އެ ކޮމިޝަނުން އަނބުރާ ގެންގޮސް މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން އެމަހު 18އަށް އީސީން ފަސްކޮށްފައިވީ ނަމަވެސް، ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް ނުލިބޭނެތީ އިންތިހާބު އިތުރަށް ފަސްފކުރަން ބޭނުންވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ، އޭޕްރީލް 18 އަކީ އިލެކްޝަން ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން އިންތިހާބު ފަސްކުރެވޭނެ އެންމެ ފަހުގެ މުއްދަތު ކަމަށެވެ.

ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އިތުރަށް އިންތިހާބު ފަސްކުރަން ޖެހޭ ކަމަށާއި ދެން އެކަން ކުރެވޭނީ ކޯޓު އަމުރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެނެސްގެން ކަމަށް އޭރު އިލެކްޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކާއި ގައުމީ ލަފާދޭ ކޮމިޓީގެ ލަފާގެ މަތިން އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް އެދި އިލެކްޝަނުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ. ނަމަވެސް މިއަދު ހައިކޯޓުން މައްސަލަ ނަގައި، އެ މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.