ޚަބަރު

އިންޑިއާ އިން މީހުން އައުން ހުއްޓުވަން ޖެހިއްޖެއްޔާ އެކަން ވެސް ކުރާނަން، އެ ހާލަތަކަށް އަދި ނުދޭ: މަބްރޫކް

އިންޑިއާ އިން މީހުން އައުން ހުއްޓުވަން ޖެހިއްޖެއްޔާ އެކަން ވެސް ކުރާނެ ކަމަށާއި ނަމަވެސް އެ ހާލަތަށް އަދި ނުދާ ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ވިސްނުމަކީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަން އަރުވާ ކަމަކީ ފުރަތަމަ ވިސްނުމަކީ ރައްކާތެރިކަން. އިންޑިއާއާ ދޭތެރޭގައި ވެސް އަޅުގަނޑުމެން ފިޔަވަޅެއް އަޅަންވެއްޖެއްޔާ، ގައުމެއްގެ ގޮތަށް އަޅަން ތައްޔާރަށް މިތިބީ. މިއަދާ ހަމައަށް އިތުރު ހާލަތަކަށް އިންޑިއާއާ ދޭތެރޭ ކަންކުރުން ބަދަލުވެފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

އިންޑިއާ އިން ވެސް ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ 142 މީހަކު ފެނިފައެވެ. އޭގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން މިހާތަނަށް ދިހަ ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ އާއި، އިޓަލީ އާއި، އިރާންއާއި ކޮރެއާގެ ދެ ސަރައްހަދަކާއި، ބަންގްލަދޭޝްގެ އިތުރުން ސްޕެއިން އާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި މެލޭޝިއާ އަދި އިނގިރޭސިވިލާތެވެ.