ކޮވިޑް 19 ރާއްޖޭގައި ފެތުރެމުންދާތީ މިވަގުތަށް ބަންދު ކުރެވެން ހުރި ވިޔަފާރިތައް ބަންދު ކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ސަރުކާރު ބަންދުކުރަން ނިންމި ނިންމުމަކީ މީހުން އެކަކު އަނެކަކާ ގައިގޯޅިވެ އުޅުން މަދުކުރުމަށްޓަކައި ކުރި ކަމެއް ކަމަށާއި އެކަން އަމިއްލަ ކުންފުނިތަކުން ވެސް ނިންމޭނެ ކަމަށެވެ.
"ސަރުކާރު ބަންދުކުރަން ނިންމީ ރާއްޖޭގައި ސޯޝަލް ޑިސްޓަސްސިންއަށް ޖާގަ ދިނުމަށާއި މީހުން އެކަކު އަނެކަކާ ގައިގޯޅިވެ އުޅުން މަދުކުރުމަށްޓަކައި ކުރި ކަމެއް. މިކަން ޕްރެކްޓިސްކުރަން ކުރެވުނު ވަރަކަށް ހުރިހާ އެންމެންވެސް، އެއީ އަމިއްލަ ކުންފުންޏެއް ވިޔަސް، އަމިއްލަ ފަރުދެއް ވިޔަސް، އަދި އެހެން ކަހަލަ ގޮތަކަށް އުފެދިފައި އޮންނަ އޯގަނައިޒޭޝަނަކަށް ވިޔަސް،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ހުރިހާ ވިޔަފާރިއެއް ހުއްޓާލައި، މާލެ ހުއްޓުމަކަށް އަންނާނެ ހާލަތެއް ގެނެވޭކަށް ނޯންނާނެ ކަމަށާއި އެންމެ ރަނގަޅީ ގޭގައި ތިބުން ކަމުގައިވިޔަސް، ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ވިޔަފާރިތައް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ ނިޔަލަށް އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާއަށް ސަރުކާރު ބަންދުކޮށް ސުކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ.