ޚަބަރު

ކޮވިޑް 19 : މާލެ އެއްކޮށް ހުއްޓުމަކަށް އަންނާނެ ހާލަތެއް ގެނެވޭކަށް ނޯންނާނެ: މަބްރޫކު

ކޮވިޑް 19އާ ގުޅިގެން މާލެ އެއްކޮށް ހުއްޓުމަކަށް އަންނާނެ ހާލަތެއް ގެނެވޭކަށް ނޯންނާނެ ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ސަރުކާރު ބަންދުކުރަން ނިންމި ނިންމުމަކީ މީހުން އެކަކު އަނެކަކާ ގައިގޯޅިވެ އުޅުން މަދުކުރުމަށްޓަކައި ކުރި ކަމެއް ކަމަށާއި އެކަން އަމިއްލަ ކުންފުނިތަކުން ވެސް ނިންމޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބުނަނީ މާލޭގައި ތިބި އެންމެން އެންމެ ރަނގަޅީ ގޭގައި ތިބެންށޭ. ސޯޝަލް ޑިސްޓަސްސިންއަކީ މުހިންމު ކަމެއް. އެހެންނަމަވެސް އެއާއެކު މުހިންމު ކަންތައްތައް އެބަހުރި. އަޅުގަނޑުމެންނަށް ފެން ލިބެންޖެހޭ، އަޅުގަނޑުމެންނަށް ކަރަންޓު ލިބެންޖެހޭ، އިންޓަނެޓް ބޭނުންވޭ، ކާބޯތަކެތި ޑެލިވާ ވާން ޖެހޭ. މާލެ އެއްކޮށް ހުއްޓުމަކަށް ގެނެވޭނެ ހާލަތެއް އަޅުގަނޑުމެންނަކަށް ނާންނާނެ. އެންމެން ގޭގައި މަޑުކޮށްފިއްޔާ އެއްކަމެއް ވެސް ނުވެފައި ހުންނާނީ. އެހެންވީމާ އެ ހާލަތަކަށް މާލެ ވެސް، އެހެން ސިޓީއެއްވެސް ގެނެވޭކަށް ނޯވޭ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެކަމުގައި ބެލެންސެއް ގެންގުޅުމަށް ގޭގައި ތިބޭނީ ކިހާވަރަކަށްތޯ އާއި މަސައްކަތުގެ ތެރެއަށް ނުކުންނަން ޖެހޭނީ ކިހާވަތަކަށްތޯ އާއި ކިހާވަރެއްގެ ވިޔަފާރިއެއް މާލޭގެ ތެރޭގައި ހިނގަން ޖެހޭތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އަމިއްލަ ހުރިހާ ވިޔަފާރިތަކެއް ހުއްޓާލައިފިއްޔާ އެއްވެސް ފިހާރައެއް ނުހުޅުވާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ ނިޔަލަށް އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާއަށް ސަރުކާރު ބަންދުކޮށް ސުކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.