އަލީ ޔާމިން
މެލޭޝިއާ އާއި އިނގިރޭސިވިލާތުގައި ތިބި ދިވެހީން އެއާޕޯޓްތަކަށް ނުދިއުމަށް ދިވެހި ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެ ދެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ކުރެވޭނެ އެންމެ ނުރައްކާތެރިކަމަކީ އެއާޕޯޓުތަކަށް ދިއުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މަލޭޝިއާ އެއުޅެނީ އަމިއްލައަށް ބަންދަކަށް ދާން. އަދި އިނގިރޭސިވިލާތުގެ ހާލަތުވެސް ގޯސްވަމުން އެބަދޭ. މި ގައުމުތަކުގައި އެންމެ ނުރައްކާތެރިކަމަކަށް ކުރެވޭނެ ކަމަކީ އެއާޕޯޓަކަށް ދިއުން. މާނައަކީ ޕަބްލިކް ޓްރާސްޕޯޓުގެ ތެރެއިން މިސާލަކަށް ޓެކްސީއަކަށް އަރައިގެން ދަތުރު މިކުރަނީ އެއާޕޯޓަކަށް." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެ ދެގައުމުގައި ދިރިއުޅޭ ދިވެހިންނަށް އަމިއްލަ ރައްކާތެރިކަމަށްޓަކައި މިވަގުތު ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ މަގުތަކަށް ނުނިކުމެ އަމިއްލަ އެޕާޓްމެންޓްތަކާއި ގެތަކުގައި ތިބުން ކަމަށެވެ.
"އެތަންތާނގައި ތިއްބެވި ބޭފުޅުންގެ އަމިއްލަ ރައްކާތެރިކަމަށްޓަކައި މިވަގުތު ކުރެވެން އޮތް އެންމެ ރަނގަޅުކަމެއްގެ ގޮތުގައި އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ އެބޭފުޅުންގެ އަމިއްލަ އެޕާޓްމެންޓްތަކުގައި ގޭގައި މަޑުކޮށްދެއްވުން." މަބްރޫކް ވިދާޅުވިއެވެ.
މެލޭޝިއާ އާއި އިނގިރޭސިވިލާތަކީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުން އަންނަ ދެ ގައުމެވެ.
ކޮވިޑް 19އިން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުން ވަނީ އިނގިރޭސިވިލާތާއި މެލޭޝިއާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައެވެ. އެގޮތުން މި ދެ ގައުމުން އަންނަ އެއްވެސް ބިދޭސީއަކަށް، އަދި އެ ގައުމުގައި ޓްރާންސިޓް ވެފައި އަންނަ އެއްވެސް ބިދޭސީއަކަށްވެސް ރާއްޖެ އެތެރެވުމުގެ ހުއްދައެއް ނުލިބޭނެއެވެ. އަދި މި ދެ ގައުމުން ރާއްޖެއަށް އަންނަ ކޮންމެ ދިވެއްސެއްވެސް 14 ދުވަހު ކަރަންޓީނު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.