ޚަބަރު

ކޮވިޑް 19 : މާލެ އާއި އިތުރު ފަސް ރަށަކުން މީހުން އެކަހެރިކޮށްފި

އަލީ ޔާމިން

މާލެ އާއި އިތުރު ފަސް ރަށަކުން ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން ބައެއް މީހުން ގޭގައި އެކަހެރިކޮށް އެމީހުން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ޅ.ހިންނަވަރު، ރ.ފައިނު، އއ.އުކުޅަސް، ދ.ކުޑަހުވަދޫ އަދި ސ. ހިތަދޫން ކޮވިޑްގެ 19ގެ އަލާމާތްތައް ފެނިފައިވާ ފަރާތްތައް އެކަހެރިކޮށްފައިވާ ކަމަށާއި އަދި އެމީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އުކުޅަހާއި ކުޑަހުވަދޫން އެކަހެރިކުރި މީހުންނަކީ އިންޑިއާގެ ޓްރިވެންޓްރަމްއަށް ދަތުރުކޮށްފައި ރާއްޖެ އައި މީހުން ކަމަށެވެ. އަދި ފައިނުގެ އިތުރުން ހިތަދޫން އެކަހެރިކުރި މީހުންނަކީ އިންޑިއާގެ ކޮޗިންއަށް ދަތުރުކޮށްފައި ރާއްޖެ އައި މީހުން ކަމަށެވެ.

މާލެއިންވެސް ތިން މީހަކު އެކަހެރިކޮށްފައިވާ ކަމަށާއި އެގޮތުން މާލެއިން އެކަހެރި ކުރީ ލަންކާއަށް ދަތުރުކުރި މީހަކާ ބެންގަލޫރަށް ދަތުރުކުރި މީހެއްގެ އިތުރުން ކޮވިޑް 19އަށް ދެ މީހަކު ޕޮޒިޓިވްވި އައިލެންޑް ސަފާރީން އައި މީހެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ. އޭގެ ތެރެއިން ލަންކާއަށް ދަތުރުކުރި މީހާގެ ޓެސްޓުތައް ހަދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް 19އާ ގުޅިގެން މިވަގުތު ހުޅުމާލޭ ކަރަންޓީން ފެސިލިޓީގައި 18 ފަރާތެއް، ފަރުކޮޅުފުށީ އައިސޮލޭޝަންގައި 25 ފަރާތެއް، އައިޖީއެމްއެޗްގެ ޑީއެޗް 11ގައި ހަތަރު ފަރާތެއް އަދި ޑީއެޗް 16ގައި އެއް ފަރާތެއް އެބަ ތިއްބެވެ.

މޮނީޓަރިންގެ ހާލަތުގައި ދެ ސަފާރީއެއްގެ އިތުރުން ތިން ރިސޯޓަކާއި ރަށެއް އެބައޮތެވެ. އެއީ އައިލެންޑް ސަފާރީ 1އާއި މައި ސްކައި ޔޮޓާއި ގިލި ލަންކަންފުށި ރިސޯޓާއި އަންނަތަރަ ކިހާވަށް އަދި އޮޅިވެލި އައިލެންޑް ރިސޯޓެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް 19އާ ގުޅިގެން 324 ސާމްޕަލް ނެގިފައިވާއިރު 13 ފަރާތެއް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ނަތީޖާ ނުލިބި 25 ސާމްޕަލެއް މިހާތަނަށް އެބައޮތެވެ.