ކިރިޔާ ވެސް ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތެއް ފެނިއްޖެ ނަމަ، ޓެސްޓުކުރުމަށް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކޮވިޑް 19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމަށާއި،އެގޮތުން ކިރިޔާވެސް އަލާމާތެއް ހުރި މީހެއް ނަމަ ޓެސްޓް ކުރެވޭނެ ކަމަށެވެ.
"މިއަދު ފެއްޓިފައިވާ މަސައްކަތެއް މިއީ ސަވައިލެންސް ސާމްޕަލްތައްވެސް އަދި ސިމްޓެމިކްވާ މީހުން ޓެސްޓް ކުރުމުގެ ކަންކަންވެސް ކުރިއަށް ވުރެ މާ ބޮޑަށް، ކިރިޔާ އަލާމާތެއް ފެނުނަސް އެމީހަކު ޓެސްޓް ކުރާ ކަހަލަ ގޮތަކަށް ބަލައިގެން މި ކުރިއަށް ދަނީ." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ކޮވިޑް 19އަށް ޓެކްޓު ކުރާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮވިޑް 19އާ ގުޅިގެން ސަރުކާރުން މިހާރުވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށާއި ހާލަތަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ހުޅުމާލޭ ކަރަންޓީން ފެސިލިޓީގައި 18 ފަރާތެއް، ފަރުކޮޅުފުށީ އައިސޮލޭޝަންގައި 25 ފަރާތެއް، އައިޖީއެމްއެޗްގެ ޑީއެޗް 11ގައި ހަތަރު ފަރާތެއް އަދި ޑީއެޗް 16ގައި އެއް ފަރާތެއް އެބަހުއްޓެވެ.
މޮނީޓަރިންގެ ހާލަތުގައި ދެ ސަފާރީއެއްގެ އިތުރުން ތިން ރިސޯޓަކާއި ރަށެއް އެބައޮތެވެ. އެއީ އައިލެންޑް ސަފާރީ 1އާއި މައި ސްކައި ޔޮޓާއި ގިލި ލަންކަންފުށި ރިސޯޓާއި އަނަންނަތަރާ ކިހާވަށް އަދި އޮޅިވެލި އައިލެންޑް ރިސޯޓެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް 19އާ ގުޅިގެން 324 ސާމްޕަލް ނެގިފައިވާއިރު 13 ފަރާތެއް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ނަތީޖާ ނުލިބި 25 ސާމްޕަލެއް މިހާތަނަށް އެބައޮތެވެ.