ވިލިމާލެއިން ފެނުނު ކޮވިޑް 19ގެ އަލާމާތް ހުރި މީހާ، ފަރުކޮޅުފުއްޓަށް ގެންދިއުމުގެ ކުރިން ގޭގައި އެކަހެރިވުމަށް އަންގާފައިވަނިކޮށް، އެ އެންގުމާ ހިލާފުވުމުން ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.
ވިލިމާލެއިން ފެނުނު ބައްޔަށް ޝައްކުކުރެވޭ މީހާއަކީ ދެކުނު ކޮރެއާއިން ރާއްޖެ އައި ދިވެއްސެކެވެ.
ފުލުހުން ބުނީ ކޮވިޑް 19އަށް ޝައްކުކުރެވޭ ދިވެހި ފިރިހެނެއްގެ ބަލަން ޖެހޭ ކަންކަން ބަލައި ޓެސްޓުކުރުމަށްޓަކައި ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށްޓަކައި ގޭގައި މަޑުކުރުމަށް އަންގާފައިވަނިކޮށް އެކަމަށް އެއްބާރުލުން ނުދީ އަންގާފައިވާ ގޮތަށް އަމަލުކޮށްފައި ނުވާ މައްސަލައެއް މިއަދު ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ވިލިމާލެއަށް ގޮސް، އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ މިއަދު މެންދުރުގެ ވަގުތެއްގައި ހަވާލުކޮށްފައިވާ ކަމަށާއި ޕީނަލް ކޯޑުގެ 121 މާއްދާގެ ދަށުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ.
ފުލުހުން ބުނީ ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާންކުރުމާ ގުޅިގެން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފުވާ މީހުންގެ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އެމީހާއާ ކޮންޓެކްޓްވެފައިވާ މީހުން ހޯދުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ފާހަގަވެފައިވާ ބައެއް މީހުންނަށް ހޯމް އައިސޮލޭޝަނަށް ދިއުމަށް އަންގާފައިވާނެ ކަމަށެވެ.