ޚަބަރު

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯޓުތަކުން އަމަލުކުރާނެ އުސޫލު އާންމުކޮށްފި

އަލީ ޔާމިން

ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ސަރުކާރުން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި، ކޯޓުތަކުން އަޅާނެ ފިޔަވަޅުތައް އާންމުކޮށްފިއެވެ.

ރާއްޖޭގެ ސްޕްރީމް ކޯޓުން މިއަދު އާންމުކޮށްފައިވާ ސާކިއުލާގައި ބުނީ މިއަދުން ފެށިގެން ކޯޓުތަކުން މީސްމީހުންނަށް އަންގާ އެންގުންތައް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އެންގުމުގެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދި ކޮންމެހެން ކޯޓުގެ ސަރަހައްދުގެ ތެރެއަށް ވަންނަން ޖެހޭ މީހުން، އެހެން މީހުންނާ ކޯޓުގެ ތެރޭގައި ގައިގޯޅި ނުވާނެ ގޮތަކަށް ދުރުމިނުގައި ތިބެވޭނެ އަދި ވަދެ ނިކުމެވޭނެ ގޮތް ހެދުމަށާއި އެކަންކަން ބެލުމަށް ކޯޓުގެ މުވައްޒަފަކު ބެހެއްޓުމަށް އެންމެހާ ކޯޓުތަކަށް އަންގާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ރީނދޫ އެލާޓް އިއުލާންކޮށްފައި އޮންނަ ހާލަތުގައި:

  • އެ ސަރަހައްދެއްގައި ހުންނަ ކޯޓުތަކުގައި އެ ކޯޓަކުން ކަނޑައަޅާ ގޮތެއްގެ މަތިން ގިނަ މީހުން އެއްފަހަރާ ހާޒިރުކޮށް، ޝަރީއަތްތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. މިގޮތުން މައްސަލަތައް ބޭއްވުމުގައި މައްސަލަތައް ތާވަލުކުރަންވާނީ އެއް ވަގުތަކު ގިނަ ބަޔަކު ހާޒިރުކޮށް ބައިތިއްބަން ނުޖެހޭ ގޮތެއްގެ މަތިންނެވެ. އަދި ވަސީލަތްތައް ލިބެން ހުރި ނަމަ ކޮންމެހެން ބާއްވަން ޖެހޭ މައްސަލަތައް ވީޑިއޯ ނުވަތަ އޯޑިއޯ ލިންކުގެ އެހީގައި ބޭއްވުމުގެ ކަންކަން އިންތިޒާމު ކުރަންވާނެއެވެ. މީގެ ތެރޭގައި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ބަލާ މައްސަލަތަކުގައި ފޯނު ނުވަތަ އީމެއިލް މެދުވެރިކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވެން އޮތްނަމަ ދެވިދާނެއެވެ.
  • މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިކްސް ކެޓަގަރީއެއްގައި ހިމެނޭ ފަރާތަކަށްވެފައި، އެ ފަރާތަކުން ކޯޓަށް ހާޒިރުވުމަށް އިއުތިރާޒުކުރާނަމަ އެފަރާތަކީ އެފަދަ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ހުށަހެޅުމުން، އެއީ މިހާލަތުގައި ކޯޓަށް ހާޒިރުނުވުމަށް އުޒުރެއް ކަމުގައި ބަލަންވާނެއެވެ.

ކޮވިޑް 19އާ ގުޅިގެން އެ ސަރަހައްދެއްގައި އޮރެންޖު އެލާޓް އިއުލާންކޮށްފައި އޮންނަ ހާލަތުގައި:

  • އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން ތިބޭ ކޯޓުތަކުގައި، ޑިއުޓީ ތާވަލެއް އެކުލަވާލައި ފަނޑިޔާރުން މަސައްކަތް ކުރާނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
  • ބަންދުކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގެ އަޑުއެހުންތަކާއި، ކަނޑައެެޅިގެން ވަކި ވަގުތެއްގައި ނުވަތަ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަންކަން ފިޔަވައި މީހުން ހާޒިރުކޮށްގެން ހިންގަން ޖެހޭ މައްސަލަތައް މި މުއްދަތުގެ ތެރޭގައި ހިންގައިގެން ނުވާނެއެވެ.
  • ކޯޓަށް ހުށަހަޅާ ސިޓީއާއި މައްސަލަތަކާއި ލިޔެކިޔުން، އީމެއިލް މެދުވެރިކޮށް ނުވަތަ އެހެންވެސް އެ ކޯޓަކުން ކަނޑައަޅާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހުށަހެޅުމުން އެއީ އެކޯޓަށް ރަަސްމީގޮތުން ލިބިފައިވާ ލިޔުމެއްކަމުގައި ބަލަންވާނެއެވެ. އަދި ކޯޓުގެ ފަރާތުން ފޮނުވާ ސިޓީއާއިި އަމުރުތަކާއި، އެހެނިހެން ލިޔެކިޔުން، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ފޮނުވުމުން އެއީ އެ ކޯޓުން ރަސްމީ ގޮތުން ފޮނުވާފައިވާ ލިޔުމެއްކަމުގައި ބެލެވޭނެއެވެ.
  • އިލެކްޓްރޯނިކްކޮށް ލިޔެކިޔުންތަކުގައި ސޮއިކުރެވެން ނެތްނަމަ، މުވައްޒަފުންނާއި ފަނޑިޔާރުންގެ ރައްކާތެރިކަމަށް ރިއާޔަތްކޮށް، އެ ކޯޓުން އިންތިޒާމު ކުރާ ގޮތެއްގެ މަތިން ލިޔެކިޔުމުގައި ސޮއިކުރާނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
  • އުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިކްސް ކެޓަގަރީއެއްގައި ހިމެނޭ ފަނޑިޔާރުން، ޖޭއެސްސީން އަންގާ ގޮތެއްގެ މަތިން ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

ކޮވިޑް 19އާ ގުޅިގެން ރަތް އެލާޓް އިއުލާންކޮށްފައި އޮންނަ ހާލަތުގައި:

  • ކޯޓުތަކުން ހަމައެކަނި ކުރާނެ މަސައްކަތަކީ ބަންދު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ކަނަޑައެޅުމާއި، ކޯޓުން ކޮންމެހެން ނެރެންޖެހޭ އަވަސް އަމުރުތައް ނެރުމުގެ ކަންކަން ކުރުމެވެ.
  • ކޯޓަށް ހުށަހަޅާ ސިޓީއާއި މައްސަލަތަކާއި ލިޔެކިޔުން، އީމެއިލް މެދުވެރިކޮށް ނުވަތަ އެހެންވެސް އެ ކޯޓަކުން ކަނޑައަޅާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ހުށަހެޅުމުން އެއީ އެކޯޓަށް ރަަސްމީގޮތުން ލިބިފައިވާ ލިޔުމެއްކަމުގައި ބަލަންވާނެއެވެ. އަދި ކޯޓުގެ ފަރާތުން ފޮނުވާ ސިޓީއާއިި އަމުރުތަކާއި، އެހެނިހެން ލިޔެކިޔުން، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ފޮނުވުމުން އެއީ އެ ކޯޓުން ރަސްމީ ގޮތުން ފޮނުވާފައިވާ ލިޔުމެއްކަމުގައި ބެލެވޭނެއެވެ.
  • އިލެކްޓްރޯނިކްކޮށް ލިޔެކިޔުންތަކުގައި ސޮއިކުރެވެން ނެތްނަމަ، މުވައްޒަފުންނާއި ފަނޑިޔާރުންގެ ރައްކާތެރިކަމަށް ރިއާޔަތްކޮށް، އެ ކޯޓުން އިންތިޒާމު ކުރާ ގޮތެއްގެ މަތިން ލިޔެކިޔުމުގައި ސޮއި ކުރާނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
  • އުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިކްސް ކެޓަގަރީއެއްގައި ހިމެނޭ ފަނޑިޔާރުން، ޖޭއެސްސީން އަންގާ ގޮތެއްގެ މަތިން ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.