ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

"ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވެ، ޖާބިރު ހައްދަވަނީ އިތުރުފުޅެއް"

1

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވެ، ޔޮޓް ޓުއާސްގެ ޗެއާމަން އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ހައްދަވާފައިވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް ރައީސް މައުމޫންގެ ފަރާތްޕުޅުން މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

ރައީސް މައުމޫންގެ ފަރާތްޕުޅުން އެމްއާރްއެމް އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށްޓަކައި ރައީސް މައުމޫން އަދި ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވި އެމްއާރްއެމްގެ ޓީމަށް ޖާބިރު އެއްވެސް ފައިސާއެއް ދީފައި ނުވާ ކަމަށެވެ.

"ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމާއި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި މައުމޫން ރިފޯމް މޫވްމަންޓްގެ ހީވާގި ޓީމަށް، އަބްދުﷲ ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ..،" ރައީސް މައުމޫންގެ ފަރާތްޕުޅުން އެމްއާރްއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޖާބިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ކޯލިޝަނުން ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި، ރިޔާސީ ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވާފައިވާނެ ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު، ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވައި، ކާމިޔާބުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމުގެ ހުރަހަކަށް މައުމޫން ނުވުމަށް ވެސް ޖާބިރުގެ ޓުވީޓުގައި އެދިވަޑައިގެންނެވިއެވެ.

އެކަމާ ގުޅޭގޮތުން "ވަން އޮންލައިން"އަށް ޖާބިރު ވިދާޅުވީ އެ ފައިސާއަކީ އަނބުރާ ދައްކާގޮތަށް ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް މައުމޫނަށް ދެއްވި ފައިސާތަކެއް ކަމަށެވެ.

ދިޔާނާ ވިލިގިލީ ދާއިރާއަށް ކުރިމަތިލައްވާ އިރު، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންއަކީ ރައީސް މައުމޫނަށް ވަރަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި ދާދިފަހުން ރައީސް މައުމޫން ވެސް ވަނީ ސައުދު ހުސައިންއަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ. ވިލިނގިއްޔަކީ ރައީސް މައުމޫންގެ މަންމާފުޅުގެ އުފަން ރަށް ކަމަށް ވުމާއެކު އެރަށު ރައްޔިތުންނަކީ ފެށުނީއްސުރެ ރައީސް މައުމޫނަށް ތާއީދުކުރާ ބައެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟