ކޮވިޑް 19އާ ގުޅިގެން ޓްރޭންސްޕޯޓް އޮތޯރިޓީން ދެމުން އަންނަ ގިނަ ހިދުމަތްތަކެއް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން މާދަމާ އިން ފެށިގެން ހިދުމަތްތައް ދިނުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ދެމުން އަންނަ ހިދުމަތްތައް މެދުކަނޑާލަން ނިންމި ނަމަވެސް ޕޯޓް ޑިއުސް، ލައިޓް ޑިއުސް އަދި އެންކަރޭޖް ފީ ބަލައިގަތުމުގެ ހިދުމަތް ލިބޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އެ ނިންމުން ނިންމާފައިވާ އިރު، ކޮވިޑް 19އާ ގުޅިގެން މީގެ ކުރިން އެ އޮތޯރިޓީން ވަނީ ޑްރައިވިން ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް ހިދުމަތް ދިނުން ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފައެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ ނިޔަލަށް އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާއަށް ސަރުކާރު ބަންދުކޮށް ސުކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.