ޚަބަރު

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް

ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފަނޑިޔާރުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފިއެވެ.

ޖޭއެސްސީން ބުނީ އެ އުސޫލުގެ ދަށުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް ފޯރުކޮށްދިނުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

އެ އުސޫލުގެ ދަށުން ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފަޔާ އެއްގޮތަށް ފަނޑިޔާރަކު އެކަހެރިވާން ޖެހިއްޖެ ނަމަ ނުވަތަ ކަރަންޓީނުގައި ހުންނަން ޖެހިއްޖެ ނަމަ، އެކަން ޖޭއެސްސީއަށް އަންގަންޖެހޭނެއެވެ. ފަނޑިޔާރަކު އެކަހެރިވާން ޖެހިއްޖެ ނަމަ ނުވަތަ ކަރަންޓީނުގައި ހުންނަން ޖެހިއްޖެ ނަމަ، އެ މުއްދަތުގައި ކޯޓަށް ހާޒިރުނުވެވޭނެ ދުވަސްތައް އަހަރީ ޗުއްޓީ ނުވަތަ އެހެނިހެން ޗުއްޓީތަކުން ނުކެނޑޭގޮތަށް އަދި މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ހަމަޖެއްސޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ކޮވިޑް 19އާ ގުޅިގެން އޮރެންޖް އެލާޓް އިއުލާނުކުރެވޭ ސަރަހައްދެއްގެ ކޯޓުގައި ތިބި އުމުރުން 55 އަހަރުން މަތީގެ ފަނޑިޔާރުންނާއި ހައި ރިސްކް ކެޓަަގަރީގައި ހިމެނޭ ހިތުގެ، ފުއްޕާމޭގެ، ކެންސަރު، ހަކުރު ބަލި ފަދަ ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ފަނޑިޔާރުންނާއި މާބަނޑު ފަނޑިޔާރުން ގޭގައި މަސައްކަތްކުރަން ބޭނުން ނަމަ، އެކަން ޖޭއެސްސީއަށް އެންގުމުން، އެ ކޮމިޝަނުން ކަނޑައަޅާ އުސޫލުގެ ދަށުން އިންތިޒާމު ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމައިފައެވެ. އަދި އެގޮތަށް މަސައްކަތްކުރާ ފަނޑިޔާރުން އެގޮތަށް މަސައްކަތްކުރާ ދުވަސްތަކަކީ ކޯޓަށް ހާޒިރުވެ މަސައްކަތް ކުރާ ދުވަސްތަކެއްގެ ގޮތުގައި ބެލޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.