ޚަބަރު

ބަންދަށް ފަހު ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު ޖޫރިމަނާއަކާ ނުލައި ފައްތިއާ ފަޅު ހުއްދައަށް ފައިސާ ދެއްކޭނެ

އަލީ ޔާމިން

މިމަހުގެ 19 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮފިސްތައް ބަންދުކުރުމަށް ނިންމާފައިވާ އިރު، ބަންދަށް ފަހު ސަރުކާރު ހުޅުވާ ދުވަހު ޖޫރިމަނާއަކާ ނުލައި ފައްތިއާ ފަޅު ހުއްދައަށް ފައިސާ ދެއްކޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިމަހު 19އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން ދެމުން އަންނަ ހިދުމަތްތައް ނުލިބޭނެ ކަމަށެވެ.

އެ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން މިމަހުގެ 19ގެ ކުރިން ދޫކޮށްފައިވާ ބޯޑުތަކާއި، އަދި މިމަހުގެ 19ގެ ނިޔަލަށް ފައްތިއާ ފަޅު ހުއްދައަށް ދައްކަންޖެހޭ ފައިސާ މި މުއްދަތު ތެރޭގައި ޖޫރިމަނާ ނުވެ ސަރުކާރު އޮފީސްތައް ހުޅުވޭ ދުވަހު ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އެ ފައިސާ ނުދައްކައިފިނަމަ ދެން އެ ފައިސާ ބަލައިގަނެވޭނީ ޖޫރިމަނާ ފައިސާއާ އެކުގައި ކަމަށެވެ.