ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ މުއާސަލާތީ ކުންފުނި ދިރާގުން އެކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން މޮބައިލް ޕޯސްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް މިމަހު އަދި އަންނަ މަހު ދިނުމަށް ނިންމައިފިއެވެ.
އެގޮތުން، ދިރާގުން ވަނީ އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް، ޕްރީޕެއިޑް މަންތުލީ ޑޭޓާ ބަންޑަލްސްތަކުން ދޭން ހަމަޖައްސައިފައެވެ. މީގެ އިތުރުން، ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ވޮއިސް އެޑް-އޮން ކަމަށްވާ "ވޮއިސް15"ގެ އަގު 50 އިންސައްތަ ވަނީ ކުޑަކޮށްފައެވެ.
ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ތެރެއިން ޑޭޓާ އެކުލެވިގެންވާ ހުރިހާ ޕްލޭނަކަށް ހިލޭ އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އެ ކަސްޓަމަރެއްގެ ޕްލޭނަކާ އެކަށީގެންވާ ގޮތަށް އެންމެ ކުޑަ ޕްލޭނުން ފެށިގެން 500 އެމްބީ އާއި 10 ޖީބީ އާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެއެވެ.
ދިރާގުން ބުނީ، މިމަހުގެ އިތުރު ޑޭޓާ މިހާރު ވަނީ "ކަނެކްޓް ޑޭޓާ"ގެ ނަމުގައި ކަސްޓަމަރުންނަށް ދީފައި ކަމަށެވެ. އަދި ކަސްޓަމަރުންނަށް ލިބިފައިވާ އިތުރު ޑޭޓާ ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ކޮވިޑް 19އާ ގުޅިގެން ދިރާގުން އަންނަނީ ކަސްޓަމަރުންނަށް އެކި ގޮތްގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ މި ހިނގާ މާޗު އަދި އެޕްރީލް މަހުގައި ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމައިފައެވެ. އަދި މާޗު މަހުގެ އިތުރު ޑޭޓާ ދިިރާގުން މިހާރު ވަނީ ކަސްޓަމަރުންނަށް ދީފައެވެ. މީގެ އިތުރުން ދިރާގުން އިއްޔެ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކަސްޓަމަރުންގެ ފިކްސްޑް ބްރޯޑްބޭންޑްގެ މަހު ފީ އިން 25 އިންސައްތަ ޑިސްކައުންޓެއް ދޭން ކަނޑައަޅައި، ގެސްޓްހައުސް އިންޓަނެޓް ޕެކޭޖެތަކުގެ މަހުފީ އިންވެސް 25 އިންސައްތަ ޑިސްކައުންޓް ދޭން ކަނޑައަޅައިފައެވެ.
ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް ބަލަނީ ގައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި އެކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާއި މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށް ކަމަށެވެ.