ޚަބަރު

އާވީ ރިސޯޓުން ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރި މީހާ ނެގެޓިވްވުމުން އެރަށް ހުޅުވާލައިފި

އައިދާ އަބްދުލް ހަކީމް

އާވީ ނޭޗާސް ޕެރަޑައިސް މޯލްޑިވްސް އިން ކޮވިޑް19ގެ އަލާމާތް ފެނިގެން ޓެސްޓު ކުރި މީހާ އެބައްޔަށް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް19ގެ އަލާމާތް ފެނިގެން ޓެސްޓުކޮށްފައިވަނީ ބިދޭސީއެއް ކަމަށެވެ. މޮނިޓަރިން ނިންމައި މިހާރު އެރަށް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭގެ ޓުވީޓުގައި ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެއެވެ. އަދި ކޮވިޑް 19 އާ ގުޅިގެން ރިސޯޓުތަކުން ރަށްރަށަށް މީހުން ދިއުމާއި، ރިސޯޓްތަކަށް މީހުން ދިއުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެއްގެ ފަރާތުންނެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ ނިޔަލަށް އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާއަށް ސަރުކާރު ބަންދުކޮށް ސުކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ.