ޚަބަރު

ކޮވިޑް 19 : ފުރަވެރި ރިސޯޓުން ކޮވިޑް 19އަށް ޝައްކުވާ ދެމީހަކު ކަރަންޓީނު ކޮށްފި

މަރިޔަމް ޝަހުދާ

ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާއިން އިން ކޮވިޑް 19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދެ ބިދޭސީއަކު ކަރަންޓީނު ކޮށްފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތުތައް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މި ދެ ބިދޭސީން ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޓޭސްޓުގެ ނަތީޖާ ލިބެންދެން މި ދެމީހުން ކަރަންޓީނު ކޮށްފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

މީގެ އިތުރުން ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ހާލަތެއްގައި އަމަލު ކުރުމަށް ކަނޑައަޅަފައިވާ އުސޫލުގެ ދަށުން މިހާރު ފުރަވެރި ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވަނީ 13 މީހުންނެވެ.