ދުނިޔޭގެ އެންމެ އަގުބޮޑު ބޫޓު ޑުބާއީގައި މިއަދު ދައްކާލާނެ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ. ޑައިމަންޑާއި ރަނުން ފަރުމާކޮށްފައިވާ މި ބޫޓޫ ޑިޒައިން ކުރީ ނުވަ މަހުން ނެވެ. މީގެ އަގަކީ 17 މިލިއަން ޑޮލަރެވެ.
"ޕެޝަން ޑައިމަންޑް ޝޫޒް" ނަމަކަށް ކިޔާ މި ބޫޓުގައި 100 އެއްހާ ޑައިމަންޑް ހިމެނޭ އިރު 15 ކެރެޓްގެ ބޮޑު ދެ ޑައިމަންޓް ބޫޓުގެ މަތީގައި ހަރުކޮށްފައި ވެއެވެ.
ޔޫއޭއީގެ ބްރޭންޑެއް ކަމަށްވާ ޖަޑާ ޑުބާއީ އާއި ޕެޝަން ޖުވެލަރސް ގުޅިގެން އުފެއްދި މި ބޫޓު ދައްކައިލުން އޮންނާނީ ޑުބާއީގެ ހަތްތަރީގެ ހޮޓެލް، ބުރިޖް އަލް އަރަބް ގައެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ބޫޓު ކަމުގައި މީގެ ކުރިން ނެރެފައިވާ ބޫޓަކީ "ޑެބީ ވިންގްހަމް ހައި ހީލް" އެވެ. އެއީ 15.1 މިލިއަން ޑޮލަރުގެ ބޫޓެކެވެ.
މި ބޫޓު ދައްކާލާއިރު ސާމްޕަލްއަށް އިންނާނީ 36 ސައިޒްގެ ބޫޓެއް ނަމަވެސް ކަސްޓަމަރުން ބޭނުންވާ ސައިޒް ތަކަށް ބޫޓޫ ހަދައިދޭނެ ކަމަށްވެއެވެ.
ޖަޑާ ޑުބާއީގެ ކޯ ފައުންޑަރ އަދި ކްރިއޭޓިވް ޑައިރެކްޓަރ މަރިޔަ މަޖާރީ ބުނިގޮތުގައި އެމީހުން ފަރުމާކުރި ބޫޓުތަކުގެ ތެރެއިން މިއީ އެންމެ ފުރަތަމަ ޑައިމްންޑް ބޭނުން ކޮށްގެން ނެރޭ ބޫޓު ކަމަށެވެ. އަދި މި ބޫޓު ފަރުމާ ކުރިއިރު ބޭނުންވީ ދުނިޔޭގައިވެސް ފަސޭހައިން ނުލިބޭ ހާއްސް ޑައިމްންޑް ބޭނުން ކޮށްގެން ތައްޔާރު ކުރުމަށެވެ.
މަރިޔަ އިތުރަށް ބުނިގޮތުގައި 17 މިލިޔަން ޑޮލަރަކީ އެ ބޫޓުގެ އަގު ކަމަށާއި އިވެންޓުގައިވެސް ސޭލް އަގެއްގައި ވިއްކުމެއް ނޯންނާނެކަމަށެވެ. އަދި މި ބޫޓަކީ ބޫޓު ގަންނަ ކަސްޓަމަރެއްގެ ސައިޒަށް ކަސްޓަމައިޒްކޮށް ތައްޔާރު ކުރާނެ ބޫޓެކެވެ.