ޚަބަރު

ކޮވިޑް 19 އާ ގުޅިގެން ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

އައިދާ އަބްދުލް ހަކީމް

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވާތީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

ކަސްޓަމްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ހިދުމަތްދެވޭނެގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެން، މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެއާކާގޯ ޑޮކިއުމެންޓޭޝަން އަދި އެއާކާގޯ އެގްޒަމިނޭޝަންގެ ހިދަމަތް ހެނދުނު 6:00 އިން މެންދަމު 1:30 އަށް ދިނުމަށް ނިންމާފައިވާއިރު ހަފްތާގެ ކޮންމެ ދުވަހަކު ސީކާގޯ ޑޮކިއުމެންޓޭޝަން އަދި ސީކާގޯ އެގްޒަމިނޭޝަންގެ ހިދުމަތް ދޭން ނިންމާފައިވަނީ ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށެވެ. އަދި ހުޅުމާލެ ސީކާގޯ އެގްޒަމިނޭޝަން ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް ހިދުމަތް ދޭން ނިންމާފައިވާއިރު ހުކުރު ދުވަހަކީ ކަސްޓަމްސް ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ނިންމައިފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް19 އަށް 13 މީހުން ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ.