ޚަބަރު

ލަންކާއަށް ވައިގެ މަގުން އެތެރެވުން މަނާކޮށްފި

އައިދާ އަބްދުލް ހަކީމް

އަވަށްޓެރި ސްރީލަންކާއަށް ވައިގެ މަގުން މީހުން އެތެރެވުން އެގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.

ކޮވިޑް19 ލަންކާ އިން ފެނުމާއި ގުޅިގެން އެގައުމުން ވަނީ މިދިޔަ ހަފްތާގައި އޮންއެރައިވަލް ވިސާ ދިނުން ވެސް ހުއްޓާލަައިފަ އެވެ.

ލަންކާގެ ވިޔަފާރީގެ ދާއިރާއާ ގުޅޭ މިނިސްޓަރު ވިމަލް ވީރަވަންޝާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް19 އާ ގުޅިގެން، ލަންކާއަށް ވައިގެ މަގުން މީހުން އެތެރެވުން ބަންދުކުރުމަށް ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ނިންމަވާފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ކޮވިޑް19 ލަންކާގައި ވެސް ފެތުރުމެންދާއިރު، ވައިރަސް ފެތުރުން ހުއްޓުވުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހާމަކުރުމަށް ރައީސް ގޯޓާބަޔަ މިރޭ ލަންކާ ގަޑިން 7:30 ގައި ގައުމާ މުހާތަބު ކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ. ލަންކާއިން މިހާތަނަށް ކޮވިޑް19 އަށް 29 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އަވައްޓެރި ސްރީލަންކާ އަކީ ތައުލީމު ހާސިލް ކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ.