ސަރުކާރު

ހަރަދު ކުޑަކޮށްގެން ދައުލަތުގެ ބަޖެޓުން މިއަހަރު އެއްބިލިޔަން ރުފިޔާ ސަލާމަތްކުރަން ނިންމައިފި

އިބްރާހިމް ޒަކީ

ސަރުކާރުގެ ހަރަދު ކުޑަކޮށްގެން ދައުލަތުގެ ބަޖެޓުން މިއަހަރު އެއްބިލިޔަން ރުފިޔާ ސަލާމަތްކުރަން ނިންމައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19 ގެ ރާއްޛޭގެ ހާލަތާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮވިޑް 19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ތިން ނިންމުމެއް މިއަދު ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ ދައުލަތުގެ ހަރަދުތައް އެއް ބިލިއަން ރުފިޔާ އާ ހަމައަށް ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުން ކަމަށެވެ.

އެގޮތުން ވަކި ހަރަދުތަކެއް އައިޑެންޓިފައިކޮށް އެއް ބިލިޔަން ރުފިޔާގެ ހަރަދު ކުޑަ ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން އާއްމު ސިއްހަތުުގެ ކުއްލި ނުރައްކަލުުގެ ހާލަރު ރާއްޖޭގައި އިއުލާން ކުރުމާ ގުޅިގެން މިދިޔަ ބުރާސް ފަތި ދުވަހު ގައުމާމުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މި ރޯގާގެ ސަބަބުން ރާއްޖޭގެއިގްތިސާދަށް ލިބެމުންދާ ބައެއް ގެއްލުންތައް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެ ދެއްވިއެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާ ގޮތުން ކޯވިޑް 19 ގެ ސަބަބުން އިގުތިސޯދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް ކޮވިޑް 19 ގެ ސަބަބުން، އިގުތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައިކަަމަށެވެ.

ޖީޑީޕީ ކުރިއަރާ ނިސްބަތަށް އަންނާނެ ބަދަލުގެ ސަބަބުން މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.