ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއި ގުޅޭ ޝަކުވާ ދެން ބަލައިގަންނާނީ އީމެއިލްގެ ޒަރިއްޔާއިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ނިންމުމަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިން ފެނި ރާއްޖޭގައި 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ނިންމުމަކީ މި ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން އެ ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅި ފިޔަވަޅެއް ކަމުގައި އިލެކްޝަންސް އިން ބުނެއެވެ.
އެހެންކަމުން އިންތިހާބާއި ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ އެ ކޮމިޝަންގެ މެއިލް އެޑްރެސް ކަމަށްވާ [email protected] އަށް މެއިލް ކުރުމަށް އެ ކޮމިޝަނުން އެދިފައި ވެއެވެ.
މީގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވަނީ އޭޕްރީލް ހަތަރެއްގައެވެ. ނަމަވެސް ކޮރޯނާ ވައިރަސް ރާއްޖެއިން ފެނި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އެ ތާރީހު ބަދަލުކޮށްފައިވަނީ އޭޕްރީލް 18އަށެވެ. އެއީ އިލެކްޝަން ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން އިންތިހާބު ފަސް ކުރެވޭނެ އެންމެ ފަހުގެ މުއްދަތު ކަމަށް އެ ކޮމިޝަންގެ ރައީސް މީގެ ކުރިން ބުނެފައިވެއެވެ. އަދި މި އިންތިހާބު ފަސް ކުރުމަށް އެދި އިލެކްޝަނުން ވަނީ މިއަދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.