އިއްޔެގެ މެންދުރުފަހު 1:55 ހާއިރު އައްޑޫ ސިޓީގެ ސައުތު ޕާމް ރިސޯޓްގެ މުވައްޒަފަކު ފަތާފައި އައްޑޫ މީދޫއަށް އެރުމުން ފުލުހުން އެމީހާ ހައްޔަރުކޮށްފިއެވެ.
"ވަން" އަށް މައުލޫމާދު ދެމުން ފުލުހުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް އެރުން މަނާކޮށްފައިވާތީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައި ވަނީ އައްޑޫގެ ހެލްތު ސެންޓަރަށް ގެންގޮސް ޑޮކްޓަރަށް ދައްކައި ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.
ކޮވިޑް19 އާއި ގުޅިގެން ރިސޯޓު ތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ހުއްޓާލަން އެޗްޕީއޭއިން އަންގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.
އެޗްޕީއޭއިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިރުއޮއްސި 6:00 އިން ފެށިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރު ނުކުރުމަށާއި، ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށެވެ. އެ ނިންމުން ނިންމާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ މަސައްކަތްކުރާ މުވައްޒަފުނަށް ވަޒީފާ އަދާ ކުރުމަށް ރިސޯޓަށް ދެވިދާނެ ކަމަށާއި އެހެންދާ މުވައްޒަފުންވެސް ހިމެނޭ ގޮތަށް އެއްވެސް މުވައްޒަފަކަށް އެ މުއްދަތުގައި ރިސޯޓުން ފޭބުމުގެ ހުއްދަ ނެތް ކަމަށެވެ.
ނަމަވެސް ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ދާން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ދާ މުވައްޒަފުން ފަތުރުވެރިން ފުރުވާލުމަށްފަހު އަނބުރާ ރިސޯޓަށް އަންނަ ގޮތަށް، އެ މުވައްޒަފުންނަށް ހުއްދަ ލިބޭނެ ކަމަށެވެ.