ރައީސް އޮފީސް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގާނޫނީ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

މިފުރުސަތު އަލުން ހުޅުވާލާފައިވަނީ މިއަހަރުގެ ޖެނުއަރީމަހު އެމަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވި ހުސެއިން މުހައްމަދު ހަނީފަށް ރުހުން ނުދިނުމަށް މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ. މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މިމަހު ދެވަނަ ދުވަހު މަޖިލީހުން ބޭއްވި ޖަލްސާގައެވެ.

ރައީސް އޮފީހުން މިއަދު ގެޒެޓު ކުރި އިއުލާނުގައި ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގާނޫނީ ދާއިރާގެ މެންބަރަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 24އާ ހަމަޔަށް ކަމަށެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ގާނޫނީ ދާއިރާގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަށް ކަމަށް ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ވެއެވެ. އަދި އެމީހަކީ ބުއްދި ސަލާމަތުން ހުރި 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށް މި އިއުލާނުގައި ބުނެފައި ވެއެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުންނާއި ރައީސް އޮފީހުން ލިބޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. މި ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އަދި މި ޓްރައިބިއުނަލަށް މެންބަރުން އައްޔަށް ކުރަނީ ރައްޔިތުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.