ޚަބަރު

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ފެނިގެން އަނަންތަރާ ކިހަވަށް ރިސޯޓު މޮނީޓަރިންގައި

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ފެނިގެން އަނަންތަރާ ކިހަވަށް ރިސޯޓު މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި އެ ދިވެހި މީހާގެ ޓެސްޓު ހެދުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަނަންތަރާ ކިހަވަށް ރިސޯޓުގެ ދިވެއްސެއްގެ ފަރާތުން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އޭނާގެ ޓެސްޓު ހެދުމަށް ސާމަޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުން. އޭނާ ވަނީ އެކަހެރިކޮށްފައި. އަދި ރިސޯޓު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައި." އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.

ކިހަވަށް ރިސޯޓުގެ އިތުރުން މިއަދު ވަނީ ގިލި ލަންކަންފުށިން ކޮވިޑް 19އަށް ޝައްކުކުރެވޭ ދިވެއްސަކު ފެނިގެން އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި އއ. މަތިވެރީގައި ދެ ބިދޭސީއަކު ބައްޔަށް ޝައްކުކުރެވޭތީ އެ ރަށް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.