ކޮވިޑް 19 އިން ރައްކާތެރިވުމަށް އެކި ކުންފުނިތަކުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ސްޓެލްކޯއިން އެ ކުންފުނީގެ ފްރަންޓް އޮފީހުގައި މަސައްކަތް ކުރާ "ހައި ރިސްކް" މުވައްޒަފުން އޮފީސް މާހައުލަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.
ސްޓެލްކޯގެ މި ނިންމުން އާންމުކޮށްފައިވަނީ އެ ކުންފުނީގެ ޓުވިޓަ އެކައުންޓުން ކުރި ޓުވީޓެއްގަ އެވެ.
އެގޮތުން ހައި ރިސްކް މުވައްޒަފުންގެ ތެރޭ މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ މުވައްޒަފުން އަދި ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރަން ޖެހޭ ފަދަ ބައްޔެއް ޖެހިފައިވާ މީހުން ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި ދެ އަހަރު ނުވާ ތުއްތު ކުދިން ގެންގުޅޭ މުވައްޒަފުންވެސް މި ބައިގައި ހިމަނާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކުރިއަށް އޮތްތާގައި މި މުވައްޒަފުން ފްރޮންޓު އޮފީހުގައި މަސައްކަތް ނުކޮށް، އޮފީހުގެ އެހެން ބައިތަކުގައި މަސައްކަތްކުރާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި މިހާރު މުވައްޒަފުން ކަސްޓަމަރުންނާއި ސީދާ ބައްދަލުވެ މުއާމަލާތްކޮށް ނުހަދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.