ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ކޮވިޑް 19އަށް ޝައްކުކުރެވިގެން ވިލިވަރުގައި ކަރަންޓީނު ކުރި އިޓަލީވިލާތުގެ ކުޑަކުއްޖާއަށް ހިލޭ ޗުއްޓީ ދަތުރެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ވިލިވަރުގައި ކަރަންޓީނު ކުރި އެ ކުއްޖާ، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަވުމުން ދޫކޮށްލުމާއެކު އެކުއްޖާ ވަނީ މިއަދުގެ ވަގުތެއްގައި އާއިލާއާއެކު އެނބުރި ގައުމަށް ފުރައިފައެވެ.
އެ ކުޑަކުއްޖާ، އާއިލާއާއެކު 2021 ވަނަ އަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ އިރު، އެ އާއިލާއިން ބޭނުންވާ ރިސޯޓެއްގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ކުއްޖާގެ އާއިލާއާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ބައްދަލުކުރައްވައިފައެވެ. އަދި މިނިސްޓްރީގެ ފަރާތުން އެކުއްޖާއަށް ވަނީ ކުޑަ ދޯންޏެއް ވެސް ހަދިޔާކޮށްފައެވެ.
އެ ކުއްޖާއަކީ ވިލިވަރުގައި ކަރަންޓީނު ކުރި ފުރަތަމަ ކުއްޖާއެވެ. ކޮވިޑް 19އަށް ޝައްކުކުރެވިގެން އެކުއްޖާގެ ސާމްޕަލް ނަގައި ހެދި ޓެސްޓުތައް ވަނީ ނެގަޓިވްވެފައެވެ.
އިޓަލީއަކީ ކޮވިޑް 19އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އެއް ގައުމެވެ. މިހާތަނަށް އިޓަލީން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ 27،980 މީހުން ފެނިފައިވާ އިރު، އެ ބަލީގައި 2،158 މީހުން ވަނީ މަރުވެފައެވެ.