ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ރިސެޕްޝަނުން ސިޓީ އާއި ތަކެތި ބަލައިގަތުން ހުއްޓާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން މިނިސްޓްރީގެ ރިސެޕްޝަނުން ސިޓީ އާއި އިންވޮއިސް ފަދަ ތަކެތި ބަލައިގަތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން މާދަމާ އިން ފެށިގެން އެ މިނިސްޓްރީއަށް ފޮނުވާ ލިޔެކިޔުންތަކާއި ކާޑު ފަދަ ތަކެތި ބަލައިގަނެވޭނީ އެ މިނިސްޓްރީގެ [email protected] މެއިލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
"ވީމާ، ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ހާލަތު ވަކި ގޮތަކަށް ބަދަލުވަންދެން، މި މިނިސްޓްރީން ތަކެތި ބަލައިގަނެވޭނީ އީމެއިލް އިން ކަމުގައި ދެންނެވީމެވެ..،" ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންގެ ރައްކާތެރިކަމަށް މި ދަނޑުވަޅުގައި ގެނެވޭ ބަދަލުގެ ސަބަބުން ދިމާވެދާނެ ދަތިތަކަކަށް އެ މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.