ޚަބަރު

ކޮވިޑް 19 : ޗެކް ރިޕަބްލިކުގައި އުޅޭ ދިވެހިން ރަޖިސްޓަރީވުމަށް ފޮރިން މިނިސްޓްރީން އަންގައިފި

މަރިޔަމް ޝަހުދާ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ޗެކް ރިޕަބްލިކުގައި ސިއްހީ ކުއްލި ހާލަތު އިއުލާނު ކުރުމާ ގުޅިގެން އެ ގައުމުގައި އުޅޭ ދިވެހިން މިނިސްޓްރީގައި ރަޖިސްޓަރީވުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޗެކް ރިޕަބްލިކުން ބުރާސްފަތި ދުވަހުން ފެށިގެން އެގައުމުގައި 30 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި މި ނިންމުމާ ގުޅިގެން އެގައުމުން އަމަލު ކުރުމަށް ނިންމާފައިވާ ކަންކަން މި ބަޔާނުގައި މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އެގޮތުން ޗެކް ރިޕަބްލިކުގެ ދާއިމީ ރަށްވެހިންނާއި 90 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ވިސާ ނަގާފައި ތިބި މީހުން ފިޔަވައި އެއްވެސް މީހަކު، ކޮވިޑް 19 އަށް ރިސްކު އޭރިއާތައް ކަމަށް އެ ގައުމުން ކަނޑައަޅާ ސަރަހައްދުތަކުން ވަނުން މަނާކޮށްފައިވެއެވެ. އަދި އެގައުމުގެ އެމްބަސީ އަދި ޑިޕްލޮމެޓިކް މިޝަންތަކުން ޝެންގެން އަދި އެހެނިހެން ވިސާ ބަލައިގަތުން މަޑުޖައްސާލާފައިވާ ކަމަށް މިިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ވިސާއަށް އެދިފައިވާ ފަރާތްތަކުގެ ވިސާތައް ޕްރޮސެސް ކުރުންވެސް މެދުކަނޑާލާފައިވާކަން ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި އެގައުމުގެ ރެސިޑެންޓް ޕާމިޓްތައްވެސް ޕްރޮސެސްކުރުން ހުއްޓާލުމަށް އެގައުމުން ވަނީ ނިންމައިފައެވެ. ޗެކް ރިޕަބްލިކްގެ ސަރުކާރުން މިފަދައިން ނިންމި ނަމަވެސް މިހާރު އެގައުމުގައި އުޅޭ ބިދެސީންގެ ވިސާ ހަމަަވަންދެން އެ ގައުމުގައި ހުރެވޭނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ވަނީ އެގައުމުގައި ދިރިއުޅޭ ދިވެހިން ކޮންމެހެން ކުރަން ޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށް އަންގައިފައެވެ. އަދި ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށްވެސް އަންގައިފައެވެ. މީގެ އިތުރުން އެގައުމުގައި އުޅޭ ދިވެހިން މިނިސްޓްރީގައި ރަޖިސްޓްރީވުމަށާއި، މި ދުވަސްވަރު ދަތުރުކުރަން ޖެހޭ ހާލަތްތަކުގައި ޓްރެވަލް އިންޝުއަރެންސް ނަގައިގެން ދަތުރު ކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.