ޚަބަރު

މިހާރަށްވުރެ އަވަހަށް ކޮވިޑް 19 ޓެސްޓުގެ ނަތީޖާ ލިބޭނެ ކިޓްތަކެއް ރާއްޖެ ގެންނަނީ

މިހާރަށްވުރެ އަވަހަށް ކޮވިޑް 19 ޓެސްޓުގެ ނަތީޖާ ލިބޭނެ ކިޓްތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ލެބޯޓަރީ ފެސިލިޓީގެ ޖާގަ އިތުރުކުރަން ޖެހުނަސް، އެކަމަށް އުނދަގުލެއް ނެތް ކަމަށާއި ނަތީޖާތައް ލެބޯޓަރީއަށް ގެނެވޭ ސްޕީޑުގައި ނަތީޖާތައް ވެސް ނެރެވެމުން އަންނަ ކަމަށެވެ.

"ލެބް ކެޕޭސިޓީއަށް ބަލާ އިރުގައި ވަރަށް ފަސޭހައިން އިތުރުކުރެވޭނެ ގޮތް އެބަހުރި. ނަތީޖާތައް ލެބޯޓަރީއަށް ގެނެވޭ ސްޕީޑުގައި ނެރެވެމުން އެބަދޭ. އަދި ސްޓާފުންގެ ދަތިކަމެއް ދިމާވެގެންނެއް ނޫޅޭ. މިއަށްވުރެ އަވަހަށް ޓެސްޓުކުރެވޭނެ ކިޓްތަކެއް ވެސް އިރާދަކުރެއްވިއްޔާ ރާއްޖެ ގެނައުމުގެ މަސައްކަތް އެބަކުރޭ،" އޭނާ ވިދާޅުވިއެވެ.

ދާދި ފަހުން ދުނިޔޭގެ ސިއްހަތާ ބެހޭ އިދާރާ، ޑަބްލިޔުއެޗްއޯ އިން ވެސް ވަނީ ރާއްޖެއަށް ކޮވިޑް 19އަށް ޓެސްޓުކުރެވޭ އިތުރު 5،000 ކިޓް ހަދިޔާކޮށްފައެވެ. މީގެ ކުރިން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް ކޮވިޑް 19އަށް ޓެސްޓު ކުރެވޭ 1،000 ޓެސްޓިން ކިޓް ހަދިޔާކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.