ޓްރެވަލް ކުލިނިކުން ފަރުވާ ހޯދި ދިވެއްސެއްގެ ގައިން ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އޭނާއަކީ ސްލޮވޭނިއާ އިން ރާއްޖެ އައި ދިވެއްސެއް ކަމަށެވެ.
"ޓްރެވަލް ކުލިނިކަށް މިއަދު އައި ދިވެއްސެއް، އެމީހާ ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތްތައް އެބަކުރޭ. ސްލޮވީނިއާ އިން ދަތުރުކުރި މީހެއް ބަލީގެ އަލާމާތްތައް ހުރި ކަމަށް ފާހަގަކުރެވިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހާ ފަރުކޮޅުފުއްޓަށް ގެންދެވެނީ،" އޭނާ ވިދާޅުވިއެވެ.
އައިލެންޑް ސަފާރީ 1 އިން ކޮވިޑް 19އަށް ޕޮޒިޓިވްވި ދެ މީހުން ވެސް މިހާރު ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސްފައެވެ. އަދި އެ ސަފާރީ ވެސް މިހާރު މާލެއާ ދިމާއަށް އަންނަނީ ދަތުރުކުރަމުންނެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.