ކުރެއްދޫ އައިލެންޑް ރިސޯޓުން ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްވި މީހާއާ ކޮންޓެކްވި މީހާއާ ކޮންޓެކްވި ފަރާތްތައް 14 ދުވަސް ހަމަވުމުން ދޫކޮށްލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖެ އައި ފަރާތެއް ފުރައިގެން ދިއުމަށްފަހު ޕޮޒިޓިވްވިކަން އެނގުމާ ގުޅިގެން 109 ފަރާތެއް އެކި ކަހަލަ އައިސޮލޭޝަންގައި ބެހެއްޓިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ބައްޔަށް ޕޮޒިޓިވްވި ކަމަށެވެ.
"ބާކީ ތިބި ފަރާތްތައް ވެސް އަޅުގަނޑުމެން މިދިޔައީ ވަރަށް ގާތުން ބަލަމުން. އެ ކޭސް ލޮގް ކުރެވުނުތާ މިއަދަށް މިއީ 14 ވަނަ ދުވަސް. ﷲގެ އިރާދަފުޅާއެކުގައި އިތުރު އެއްވެސް ކޮމްޕިކޭޝަނެއް، އިތުރު އެއްވެސް ފަރާތެއް މި ބަލީގެ ނުރައްކަލުގައި ނުޖެހި މިއަދު މިވަނީ 14 ދުވަސް ހަމަވެފައި. މިއާ ގުޅިގެން މާގިރިން ކަރަންޓީން ފެސިލިޓީއަށް ގެންދެވުނު ފަރާތްތަކާއި ހޯމް އައިސޮލޭޝަނުގައި ތިބި ފަރާތްތައް ދޫކޮށްލުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވިއެވެ.
ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްވި މީހާއާ މާގިރި ހޮޓަލުން ބައްދަލުވި 15 މުވައްޒަފަކު ވަނީ އެކަހެރިކޮށްފައެވެ. އޭގެ އިތުރުން ކުރެއްދޫ ރިސޯޓުން ވެސް އެމީހާއާ ކޮންޓެކްޓްވި ފަރާތްތައް ވަނީ އެކަހެރިކޮށްފައެވެ. ކުރެއްދޫ އިން ވަނީ ޖުމްލަ ފަސް މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.