ޚަބަރު

ކޮވިޑް 19 : މާލޭގައި ހިންގާ ޖިމްތަކާއި ފިޓްނަސް ކުލަބުތައް ވަގުތީގޮތުން ބަންދުކޮށްފި

މަރިޔަމް ޝަހުދާ

މާލޭގައި ހިންގާ ޖިމްތަކާއި ފިޓްނަސް ކްލަބުތައް ވަގުތީގޮތުން ބަންދު ކުރުމަށް މާލޭގައި ހިންގާ ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުން ނިންމައިފިއެވެ.

މި ނިންމުމަކީ މާލޭގައި ހިންގާ ގިނަ އަދަދެއްގެ ޖިމްތަކުން މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ނިންމި ނިންމުމެއް ކަމަށް ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގެ ފަރާތުން ނެރެފައިވާ ބަޔާނުގައިވެއެވެ.

އެގޮތުން މި ނިންމުމާ އެއްގޮތުގެ މަތިން މި ބައްދަލުވުމުގައި ބައިވެރިވި ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް މިމަހުގެ 28ގެ ނިޔަލަށް ބަންދު ކުރާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ނިންމުމަކީ ރާއްޖެއިން ކޮވިޑް 19 ފެނުމުން އެޗްޕީއޭ އިން ދިން އިރުޝާދަށް އަމަލު ކުރުމަށް ނިންމި ނިންމުމެއް ކަމަށް މި ބަޔާނުގައިވެއެވެ.

މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުސައިން ޒިނާން ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މާލޭގެ 12 ޖިމަކުން ބައިވެރިވި ކަމަށެވެ. އަދި މި ހުރިހާ ޖިމްތަކެއްވެސް ވަގުތީގޮތުން ބަންދު ކުރުމަކީ މިހާރުގެ ހާލަތާ ބަލާފައި އެންމެ ރައްކާތެރި ގޮތް ކަމަށް ފެންނާތީ މިގޮތަށް އަމަލު ކުރަން ނިންމީ ކަމަށް ޒިނާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ބައިވެރި ނުވެވުނު އެކި ޖިމް/ފިޓްނަސް ސެންޓަރުތަކަށް ގުޅައިގެން އެބޭފުޅުން ދެކޭގޮތްވެސް ބަލާފައިވާ ކަމަށް ޒިނާން ވިދާޅުވިއެވެ. އަދި ނުގުޅުނު އެއް ޖިމު ފިޔަވައި އެހެން ހުރިހާ ޖިމްތަކަކުން މި ނިންމުމަށް ތާއީދު ކުރާ ކަމަށް ޒިނާން ވިދާޅުވިއެވެ.

ޒިނާން ވިދާޅުވީ ޖިމްގެ ގޮތުގައި ބަލަނީ ފިޓްނަސް ސެންޓަރުގެ ގޮތުގައި ހެދިފައިވާ ތަންތަނުގެ ތެރެއިން ވިޔަފާރީގެ ހިދުމަތްދޭ ތަންތަން ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ގުޅާފައިވަނީ އެފަދަ ތަންތަނަށް ކަމަށް ޒިނާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފަސޭހަ ނިންމުމެއް ނޫން، އެއްވެސް ކްލަބަކަށް ތީކީ. ވިޔަފާރީގެ ގޮތުން އެނގޭތޯ. އެކަމަކު ރަނގަޅުވާނެ ކަމެއްގެ ގޮތުގައި، ގައުމީ ކަމެއްގެ ގޮތުގައި ހުރިހާ މީހުން ކޮށްފައިވާ ކަމެއް ތިއީ." މި ނިންމުމާ ގުޅިގެން ޒިނާން "ވަން" އަށް ވިދާޅުވިއެވެ.