ޚަބަރު

ކޮވިޑް 19 : އައިލެންޑް ސަފާރީން ޕޮޒިޓިވްވި ދެ މީހުން ފަރުކޮޅުފުއްޓަށް ގެންގޮސްފި

އައިލެންޑް ސަފާރީ 1 އިން ކޮވިޑް 19އަށް ޕޮޒިޓިވްވި ދެ މީހުން ފަރުކޮޅުފުއްޓަށް ގެންގޮސްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އެ ސަފާރީ ވެސް މިހާރު މާލެއާ ދިމާއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

"އައިލެންޑް ސަފާރީގައި ތިބި ދެ ފަރާތް މިހާރު ވަނީ ފަރުކޮޅުފުއްޓަށް ގެނެވިފައި. އަދި ސަފާރީ އެބަ މިކޮޅަށް ދަތުރުކުރޭ،" އޭނާ ވިދާޅުވިއެވެ.

އައިލެންޑް ސަފާރީން ޕޮޒިޓިވްވި ދެ މީހުން ފުރަތަމަ ކަރަންޓީނުކުރުމަށް ގެންދިއުމަށް ނިންމާފައިވަނީ ލ. އަތޮޅުގައި ހުންނަ ކަރަންޓީން ފެސިލިޓީއަށެވެ. ނަމަވެސް ފަހުން ނިންމީ އެމީހުން ފަރުކޮޅުފުއްޓަށް ގެނައުމަށެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.