ޚަބަރު

ދިގު މުއްދަތަށް ބޭސް ކާން ޖެހޭ ފަރާތްތަކަށް ޑޮކްޓަރަށް ނުދައްކައި އާސަންދަ މެދުވެރިކޮށް ބޭސް ލިބޭނެ ގޮތް ހަދަނީ

އަލީ ޔާމިން

އަންނަ ހޯމަ ދުވަހުން ފެށިގެން ދިގު މުއްދަތަށް ބޭސް ކާން ޖެހޭ ފަރާތްތަކަށް ޑޮކްޓަރަށް ނުދައްކައި އާސަންދަ މެދުވެރިކޮށް ބޭސް ލިބޭނެ ގޮތް ހަމަޖައްސަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މިހާރު އޮންނަ ގޮތުން ދިގު މުއްދަތަށް ބޭސްކާން ޖެހޭ ބޭފުޅުންނަށް ބޭސް ހުސްވުމުން އަލުން ޑޮކްޓަރަށް ދައްކައިގެން ނޫން ގޮތަކަށް އާސަންދަ މެދުވެރިކޮށް ބޭސް ނުލިބޭ ކަމަށެވެ.

ދިގު މުއްދަތަށް ބޭސްކާން ޖެހޭ ބޭފުޅުންނަށް ލުއިކޮށްދިނުމުގެ ގޮތުން އެ ބޭފުޅުންގެ ޕްރިސްކްރިޕްޝަން އޮޓޯއިން އާވެ، އެ ބޭފުޅުންނަށް ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ބޭސް ލިބެމުންދާނެ ގޮތް އާސަންދަ އިން ހަމަޖައްސަމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"މި އަންނަ ހޯމަ ދުވަހުން ފެށިގެން ދިގު މުއްދަތަށް ބޭސްކާން ޖެހޭ ބޭފުޅުން، އެ ބޭފުޅުން އާންމު ގޮތެއްގައި ޑޮކްޓަރުންނާ ބައްދަލު ކުރާނެ. ޕްރިސްކްރިޕްޝަން ނަގައިގެން އެ ބޭސްތައް މި ލިބެނީ. ބޭސް ހުސްވާނަމަ ދިގު މުއްދަތަށް އެގޮތަށް ބޭސްކާން ޖެހޭ ބޭފުޅުންގެ ޕްރިސްކްރިޕްޝަން އޮޓޯއިން އާވެ އެ ބޭފުޅުންނަށް ކުރިއަށް މިއޮތް 14 ދުވަސް ތެރޭގައި ބޭސް ލިބެމުންދާނެ ގޮތް އާސަންދަ އިން މިދަނީ ހަމަޖައްސަމުން،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް 19 ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެއާއެކު މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލުތަކަށް ނުދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަރުރުތައް ނޫނީ ރާއްޖޭން ބޭރަށް ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.