ޚަބަރު

"ކޮވިޑް 19އަށް ޕޮޒިޓިވްވި އެންމެންގެ ހާލު ވެސް އަންނަނީ ރަނގަޅުވަމުން"

ކޮވިޑް 19އަށް ޕޮޒިޓިވްވި އެންމެންގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވުމަށް ބައިވެރިވެވަޑައިގެންނެވި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ތިބި މީހުން ވެސް ކުރިއާ އަޅާބަލާއިރު މިހާރު ރަނގަޅު ކަމަށެވެ.

"ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ތިބި މީހުންނަށް ވެސް ކޮންމެވެސް ވަރެއްގެ އިމްޕްރޫވްމަންޓެއް އެބައާދޭ. މާނައަކީ އިތުރަށް ސީރިއަސްވުމުގެ ބަދަލުގައި ޕޮޒިޓިވް ސައިޑެއް ފެންނަނީ. އެއްކޮށް އަދި ޑޭންޖާ ނުވި ކަމުގައިވިޔަސް، އެމީހުންގެ ފަރާތުން އިމްޕްރޫވްމަންޓްތައް ފެނޭ. އޭގެ އިތުރުން އައިސީޔޫއަށް ނުލައި ދެން ތިބި މީހުންގެ އިމްޕްރޫވްމަންޓްތައް އަންނަނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުން އަންނަނީ 70 އަހަރުގެ މީހަކާއި ދެމަފިރިންނަށެވެ. އޭގެ ތެރެއިން 70 އަހަރުގެ މީހާއަކީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ މީހެކެވެ. އަދި ދެމަފިރިންގެ ފުރަތަމަ ޓެސްޓު ނެގެޓިވްވެފައިވާ އިރު، މިހާރު ދެވަނަ ޓެސްޓެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.