ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް 29 މިލިއަން ރުފިޔާ ދީފައިވާކަމަށް ޔޮޓް ޓުއާސްގެ ޗެއަމަން، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ކޯލިޝަނުން ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި، ރިޔާސީ ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދީފައިވާނެ ކަަށެވެ.
އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު، ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވައި، ކާމިޔާބުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަދި އެކަމުގެ ހުރަހަކަށް މައުމޫން ނުވުމަށް ޖާބިރުގެ ޓުވީޓުގައި އެދިވަޑައިގެންނެވިއެވެ.
އެކަމާ ގުޅޭގޮތުން "ވަން އޮންލައިން"އަށް ޖާބިރު ވިދާޅުވީ އެ ފައިސާއަކީ އަނބުރާ ދައްކާގޮތަށް ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް މައުމޫނަށް ދެއްވި ފައިސާތަކެއް ކަމަށެވެ.
އެކަމާ ގުޅޭގޮތުން ރައީސް މައުމޫންގެ ފަރާތްޕުޅުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ދިޔާނާ ވިލިގިލީ ދާއިރާއަށް ކުރިމަތިލައްވާއިރު، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންއަކީ ރައީސް މައުމޫނަށް ވަރަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި ދާދިފަހުން ރައީސް މައުމޫންވެސް ވަނީ ސައުދު ހުސައިންއަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ވިލިނގިއްޔަކީ ރައީސް މައުމޫންގެ މަންމާފުޅުގެ އުފަން ރަށް ކަމަށް ވުމާއެކު އެރަށު ރައްޔިތުންނަކީ ފެށުނީއްސުރެ ރައީސް މައުމޫނަށް ތާއީދުކުރާ ބައެކެވެ.