ޚަބަރު

ކޮވިޑް 19 : ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އައިޖީއެމްއެޗަށް ވަދެ ނުކުތުމަށް ބަދަލުތަކެއް ގެނެސްފި

މަރިޔަމް ޝަހުދާ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިން ވެސް ފެނިފައިވާތީ ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމުމުގެ ގޮތުން އައިޖީއެމްއެޗަށް ވަދެ ނުކުތުމަށް ބަދަލު ގެނައުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިގެނައި ބަދަލަށް އަމަލުކުރަން ފެށުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެން ކަމަށް ބުނެފައެވެ. އެގޮތުން އިމަޖެންސީ ރޫމަށް ވަޑައިގަންނަވާ ބޭފުޅުން ހޮސްޕިޓަލަށް ވަނުމަށް ހަމަޖައްސާފައިވަނީ އިމަޖެންސީ ޕޯޓިކޯގައި ހެދިފައިވާ ޕްރައިމެރީ ޓްރިއާޖަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އެތަނުން މީހާގެ ސިއްހީ ހާލަތަށް ބެލުމަށްފަހު ފަރުވާ ލިބުމަށް ދާނެ ތަނަކާ ގުޅިގެން އިރުޝާދު ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މީގެ އިތުރުން ކުރިން އިމަޖެންސީ ރޫމަށް ދިއުމަށް ބޭނުން ކުރާ ކޮރިޑޯ މިހާރު ބޭނުން ނުކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ވޯޑުތަކަށާއި ކާޑިއެކް ސެންޓަރަށް ދާ މީހުން ހޮސްޕިޓަލަށް ވަނުމަށް ހަމަޖައްސާފައިވަނީ ބޮޑުތަކުރުފާނު މަގުގެ ދޮރުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ލެބޯޓަރީ ޓެސްޓުތައް ހެދުމަށް ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލަށް ވަންނަން ހަމަޖައްސާފައިވަނީ ކަނބާ އައިސާ ރަނި ހިނގުމުގައި ހުންނަ މައި ދޮރާށިން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި މި ބަދަލުތަކާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ހޮސްޕިޓަލުން ވަނީ މައާފަށް އެދިފައެވެ.