ޚަބަރު

ސްޕެއިނުން އައި އިތުރު ދިވެއްސެއްގެ ގައިން ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރަނީ

ސްޕެއިނުން ރާއްޖެ އައި އިތުރު ދިވެއްސެއްގެ ގައިން ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އެމީހާ ޓެސްޓުކުރުމަށް ސާމްޕަލް ނަގާނެ ކަމަށެވެ.

"ސްޕެއިނިން އައި ދެވަނަ ދިވެހި މީހެއްގެ ގައިން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސާމްޕަލް ނަގާނެ،" އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ސްޕެއިނުން ރާއްޖެ އައި ދިވެހި މީހަކު ޓެސްޓުކުރުމަށް އިއްޔެ ވެސް ސާމްޕަލް ނެގިއެވެ. އެމީހާގެ ޓެސްޓުގެ ނަތީޖާ ނެގަޓިވް ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފައެވެ. އޭނާއާއެކު އިއްޔެ އެ ފްލައިޓުން ރާއްޖެ އައި އިތުރު ނުވަ ބިދޭސީއަކު ވަނީ އެކަހެރިކޮށްފައެވެ. އަދި ފްލައިޓުގެ ކްރޫއިންގެ ތެރެއިން ދެ މީހަކު ވަނީ ވިލިވަރުގައި ކަރަންޓީނުކޮށްފައެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން މިހާތަނަށް އަށް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ޗައިނާ އާއި، އިޓަލީ އާއި، އިރާންއާއި ކޮރެއާގެ ދެ ސަރައްހަދަކާއި، ބަންގްލަދޭޝްގެ އިތުރުން ސްޕެއިން އާއި ޖަރުމަނު ވިލާތާއި ފަރަންސޭސި ވިލާތެވެ.

ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައިވީ ނަމަވެސް، އެގައުމުތަކުގައި ތިބި ދިވެހީންނަށް ރާއްޖެ އާދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.