އަލީ ޔާމިން
ދައުލަތުގެ ބަޖެޓުން ހިންގަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މާލޭ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅިގެން އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އިގުތިސާދީ ތަދުމަޑުކަމަކަށް ރާއްޖެ ތައްޔާރުވާން ވެއްޖެ ކަމަށެވެ.
"ދައުލަތުގެ ބަޖެޓުން ހިންގަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތައް ވަގުތުން ހުއްޓާލައި، ކުރިމަތިވެދާނެކަމުގެ ބިރު ބޮޑު އިގުތިސާދީ ތަދުމަޑުކަމަށް ގައުމު ތައްޔާރުވާން ވެއްޖެ! މިކަންކުރުމަކީ ހުން އަންނާނެ ކަމަށް ރަޖާލުމެއް ނޫން!" އަލްހާންގެ ޓުވީޓުގައިވެއެވެ.
އަލްހާން މިހެން ވިދާޅުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ، ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް މިހާރުވެސް ލޮޅުން އަރާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޗައިނާ އަދި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ އިޓަލީން ރާއްޖެއަށް ފަތުރުވެރިން އައުން ވަގުތީގޮތުން ހުއްޓުވާފައިވުމުން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ސަބަބުން ރާއްޖެއަށް "ފޮރިން ކަރަންސީ"ގެ ޝޯޓޭޖެން ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރު ތެރޭ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން މިހާރު ލަފާކުރެވޭ އަދަދަށް މަދުވެއްޖެ ނަމަ 135.9 މިލިއަން ޑޮލަރާއި 446.6 މިލިއަން ޑޮލަރުގެ ގެއްލުމެއް ރާއްޖޭގެ އިގުތިސާދަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.