ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ރައީސްގެ މަގާމަށް ގއ.މާމެންދޫ، އަލިވާގޭ، އަމްޖަދު މުސްތަފާ އަދި ޓްރައިބިއުނަލްގެ މެންބަރު ކަމަށް މ.ހާދޫ، ހަސަން އިބްރާހީމް އައްޔަންކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި ދެ ބޭފުޅުން މަގާމަށް އައްޔަން ކުރައްވާފައިވަނީ އެކަމަށް ހާއްސަކޮށްގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ރަސްމިއްޔާތުގައި މަގާމަށް އައްޔަން ކުރި ކަމުގެ ލިޔުން ރައީސް ސޯލިހު ވަނީ މި ދެބޭފުޅުންނާ ހަވާލުކުރައްވައިފައެވެ.
ޓްރައިބިއުނަލްގެ ރައީސް ކަމަށް އައްޔަން ކުރެވުނު އަމްޖަދަކީ ލަންކާގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީން އަމްޖަދު ވަނި ބެޗެލާސް އޮފް ޝަރީޢާ އެންޑް ލޯ ހާސިލްކޮށްފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް މިއަދު އައްޔަންކުރެވުނު އިބްރާހީމަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، އެމްއެންޔޫގެ ބިޒްނަސް ސްކޫލުގެ ހެޑް އޮފް ޑިޕާޓްމަންޓް އަދި އެމްބީއޭގެ ކޯސް ކޯޑިނޭޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި އޭނާއަކީ އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ލެކްޗަރާކަން ކުރެއްވި ބޭފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން އިބްރާހީމަކީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ އަދި ވިލާ ކޮލެޖުގެ ވިޒިޓިން ލެކްޗަރާއެއްގެ ގޮތުގައި ހަރަކާތްތެރިވި ބޭފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އިބްރާހީމް ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީން މާސްޓަ އޮފް ބިޒްނަސް ހާސިލުކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީން އިބްރާހީމް ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ހާސިލް ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.