އިބްރާހިމް ޒަކީ
ބޮޑުދުމާ ހިނގުން ކުރިއަށް ނުގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފިއެވެ.
އެކަން ކައުންސިލްތަކަށް އަންގައި އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، މިދުވަސްވަރު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަސްއެއް ކަމަށްވާ ކޮރޯނާ ވައިރަސްއިން ސަލާމަތްވުމަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރީއްސުރެން ސަގާފީގޮތުން ކުރަމުން އަންނަކަމެއް ކަމުގައިވާ "ބޮޑުދުމާ ހިނގުން" ނުވަތަ ޖަމާއަތެއްގައި މީހުން ތަކުބީރު ކިޔަމުން ހިނގަމުން އަންނަ ކަމަށެވެ.
އެކަމަކީ ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމަކަށް ނުވާތީ އާއި މިދަނޑިވަޅުގައި މީހުން އެއްވެ އުޅުމަކީ ރައްކާތެރި ކަމެއްކަމުގައި ނުވާތީ އެކަން އެގޮތަށް ނުކުރުމަަށް ނަސޭހަތްތެރިވާކަމަށްވެސް ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި، ކޮންމެ ބޭފުޅަކު ވެސް ފަރުޟު ފަސްނަމާދު ގާއިމުކޮށް، ދީނީ ކަންކަމަށް އިސްކަންދީ، ސިއްހީ ދާއިރާތަކުން އަންގާގޮތަށް އަމަލުތައް ބަހައްޓައި، މި ނުރައްކާތެރި ވަބާއިން ރައްކާތެރިކަން ދެއްވުން އެދި ﷲގެ ހަޒުރަތަށް އިބްތިހާލްވެ ދުއާ ކުރުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އަށް ރާއްޖޭން މިހާރު 13 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.