ޚަބަރު

ކޮވިޑް 19 : މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުން ހުއްޓާލުމަށް އަންގައިފި

އަލީ ޔާމިން

ރާއްޖޭގައި ކޮވިޑް 19އަށް ރައްކާތެރިވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތައް ވަގުތީ ގޮތުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގަައި ބުނީ މިސްކިތްތަކާއި އާންމު ތަންތަނުގައި ދަރުސް ދިނުމަށް ހުއްދަ ދީފައިވާ ހުރިހާ ފަރާތްތަކުންވެސް އެ މިނިސްޓްރީން އަންގަންދެން، ދަރުސް ދިނުމުގެ ޕްރޮގްރާމްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.

މީގެ އިތުރުން އާންމުން އެއްވެ އުޅޭ ތަންތަނުގައި ދަރުސް ދިނުމުގައި ބަދަލުގައި މި ދަނޑިވަޅުގައި މާލެއާއި އަތޮޅުތެރޭގައި ތިއްބެވި ދީނީ އިލްމުވެރިން މެދުވެރިކޮށް މީޑިއާގެ ވަސީލަތްތަކުން އާންމުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދެއްވަމުން ގެންދެވުމަށް އިލްތިމާސް ކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.

ރާއްޖޭގައި މިހާތަނަށް ވަނީ 13 މީހަކަށް ކޮވިޑް 19 ޖެހިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.