ޚަބަރު

ކޮވިޑް 19 : އެމްޕީއެލްގެ 60 އަހަރުންމަތީގެ މުވައްޒަފުންނާއި މާބަނޑު މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ސަބަބުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި 60 އަހަރުންމަތީގެ މުވައްޒަފުންނާއި މާބަނޑު މުވައްޒަފުންނަށް ޕެއިޑް ރިލީސް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލުން މިއަދު ކުރި ޓުވީޓެއްގައި ވަނީ އެކުންފުނީގެ 60 އަހަރުންމަތީގެ މުވައްޒަފުންނާއި މާބަނޑު މުވައްޒަފުން ގޭގައި މަޑު ކުރުމަށް އަންގާފައިވާ ކަމަށް ބުނެފައެވެ. އަދި މި ނިންމުމަކީ މުވައްޒަފުންގެ ރައްކާތެރިކަމަށް ނިންމި ނިންމުމެއް ކަމަށް އެމްޕީއެލުން ބުނެއެވެ.

މި މުވައްޒަފުން ގޭގައި މަޑު ކުރުމަށް އަންގާފައިވަނީ ވަކި ގޮތެއް އަންގަންދެން ކަމަށް އެމްޕީއެލް އިން ބުނެއެވެ. އަދި މި މުވައްޒަފުން ގޭގައި މަޑުކުރުމަށް އަންގާފައިވީނަމަވެސް އެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ލިބޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

މީގެ އިތުރުން އެންމެންވެސް "ސޯޝަލް ޑިސްޓޭންސިންގް" އަށް ސަމާލުވުމަށް އެމްޕީއެލުން އިލްތިމާސްކުރެއެވެ. އެއީ މީހުން ގިނަ ތަންތަނަށް އެއްނުވުމާއި، ބޭނުން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުދިއުމުގެ އިތުރުން ބަލި ޖެހިދާނެ ފަދަ ކަންކަމުން ދުރުހެލިވުމެވެ.

ރާއްޖޭގައި މިހާތަނަށް 13 މީހަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.