ކޮވިޑް 19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުގެ މައްސަލައިގެ ތެރެއަށް ވަންނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.
ސީއެސްސީން މިއަދު ނެރުނު ނޫސްބަަޔާނެއްގައި ބުނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދަށުން އަދި ދިވެހި ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން ސަސްޕެންޑްކުރެވިފައި ތިބި މުވައްޒަފުންގެ މަސްލަހަތު ހިމެނޭތީ އެ މައްސަލައިގެ ތެރެއަށް ވަންނަން ނިންމާފައިވާ ކަމަށެވެ.
"ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރާއްޖޭގެ ހާލަތު ރަނގަޅުވެއްޖެ ކަމަށް އިއުލާނުކުރާ ދުވަހުން ފެށިގެން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް އެކަށީގެންވާ މުއްދަތެއް ލިބިދިނުމުގެ އަމުރަކަށް އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި، ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއަށް އެ އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުން އަދި ދިވެހި ސިވިލް ސާވިސްގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ހ)ގެ ދަށުން ސަސްޕެންޑްކުރެވިފައި ތިބި މުވައްޒަފުންގެ މަސްލަހަތު ހިމެނޭތީ، މި ކޮމިޝަނުން އެ މައްސަލައަށް ތަދައްހުލްވުމަށް ނިންމާފައިވާކަން އާންމުކޮށް އަންގަމެވެ..،" ސީއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ސީއެސްސީން ބުނީ އެކަމާ ގުޅިގެން ބަންޑާރަނައިބުގެ ގާނޫނީ ލަފަޔަކަށް ކޮމިޝަނުން އެދިފައިވާނެ ކަމަށެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން އޮތް އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ވަނީ އެމަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އެއަށްފަހު މިދިޔަ އިއްޔެ އިލެކްޝަންސް އިން ވަނީ ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތި ފަސްކުރުމުގެ އަމުރަކަށް އެދި ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފައެވެ.
އިލެކްޝަންސް އިން ބުނީ އިންތިހާބު ފަސްކުރަން އިލެކްޝަން ކޮމިޝަނަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން ފަސް ކުރެވޭނެ އެންމެ ބޮޑަށް އިިންތިހާބު މިހާރުވެސް ފަސްކޮށްފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގައި މިހާރު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމާއި، ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއި، އިންތިހާބު މިހާރު ފަސް ކޮށްފައިވާ މުއްދަށް ބަލާއިރު ކޮމިޝަނުގެ މަސައްކަތްތަކާއި، ކެންޑިޑޭޓުންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް މައްސަލަތަކެއް ދިމާވާތީ ވޯޓުލުން އިތުރަށް ފަސްކުރުމަށް ސިޔާސީ ޕާޓީތަކުގެ އެދުމާއެކު ގައުމީ ލަފާދޭ ކޮމިީން ލަފާދީފައިވާ ކަމަށެވެ.
މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސްކުރުމުގެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ އިންތިހާބު ފަސްކުރަން ކޮމިޝަނަށް ގާނޫނުން ލިބިފައިވާ މުއްދަތަށް އެކަން ކޮށްފައި ވާއިރު ދެން އިތުރަށް ވޯޓުލުން ފަސްކުރެވޭނީ ކޯޓުން ކަމަށް ވާތީ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.